ޚަބަރު

އިންޑިއާގެ އާ ސަފީރު، ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އަލީ ޔާމިން

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު މުނު މަހާވަރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު އިންޑިއާގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

އެ ބައްދަލުވުމުގައި، މުނު މަހާވަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.

މަހާވަރު ވަނީ މިިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތައުރީފުކުރައްވައި، ހާއްސަ ގޮތެއްގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ރާއްޖޭގެ އިގުތިސޯދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަގުނަ ކުރިއެރުންތައް ފާހަގަކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިންޑިއާގެ ސަފީރު ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު އުންމީދީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

މީގެ ކުރިން 5 މާޗު 2019 އިން ފެށިގެން އިންޑިއާ ސަފީރުކަމުގެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު މިހާރު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަންކޮށްފައެވެ. އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަހާވަރު މީގެ ކުރިން ހުންނެވީ އިންޑިއާއިން އޮމާނަށް ކަނޑައެޅި ސަފީރުގެ މަގާމުގައެވެ.