ޚަބަރު

ފައިސާ ޗާޕު ނުކުރަންޏާ 26 ބިލިއަނަށް ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު

އިބްރާހިމް ޒަކީ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށް ނުދީފިނަމަ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓް 26 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދިނުމަށް އެދި މިނިސްޓަރު އަމީރު މަޖިލީހަށް ހުށަހެޅުއްވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެ މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހު، އިއްޔެ މަޖިލީހުން ފާސްކުރީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިގެން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒާއި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ ލަފާ ހޯދުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިިނިސްޓަރު ވިދާޅުވީ ފައިސާ ޗާޕު ނުކުރާނަމަ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓް 26 ބިލިއަނަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

އެކަމުގެ ސަބަބުން ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހިދާނެ ކަމަށާއި އަދި ސިވިލްސާވިސް މުވައްޒިފުންގެ އަދަދު މަދުކޮށް މުސާރަތައްވެސް ކުޑަކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާތަނަށް ލިބިފައިވާ އިގުތިސޯދީ ކުރިއެރުން ބޮޑުތަނުން ފަހަތަށް ދާނެ ކަމަށެވެ. އަދި އޮފީސްތަކުގެ ބަޖެޓުތައް ކުޑަކޮށް، މިނިމަމް ވޭޖުފަދަ ބަޖެޓުގައި އަލަށް ހިމަނާފައިވާ ކަންތައްތައް ހުއްޓާލަން ޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ ފައިސާ ޗާޕުކުރަން ދީފައިވާ 4.4 ބިލިއަން ރުފިޔާގެ ސީލިންގުން 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އަދި އެ ހުށަހެޅުމުގައި ވަނީ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓް ކަމުގައެވެ.

އަމީރު ވިދާޅުވީ ފައިސާ ޗާޕު ކުރުގައި ރިސްކުތަކެއް ހުރި ނަމަވެސް ވޭތުވެދިޔަ 18 މަސް ދުވަހު އެ ކަންކަން މެނޭޖު ކުރި ގޮތަށް ކުރިއަށް އޮތްތަނުގައި ވެސް މެނޭޖު ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ބައެއް މާއްދާތަކަށް އަމަލުކުރުން އިސްތިސްނާކޮށް، ފައިސާ ޗާޕު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ، އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ފާސްކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ދިމާވި މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުގައެވެ. އެ މުއްދަތު އެއް އަހަރު ދުވަހަށް މަޖިލީހުން އިތުރު ކޮށްދީފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ދުވަހުން ފެށިގެން އެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން މިނިސްޓަރު އަމީރު މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި އިގުތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކޮވިޑާ ގުޅިގެން ކުރަން ޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރި ކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވެކްސިންގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނުމުގެ ސަބަބުން، ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސޯދީ ދުވެލި ބާރުވެގެން ދިޔަ ނަމަވެސް، މި ބަލިމަޑުކަމުން ދުނިޔެ އަދިވެސް އަރައިގަނެވިފައި ނުވުމާއި އިގުތިސޯދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވަޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.