ރާއްޖެއަށް ކްރޫސްލައިނާތަކާއި ޔޮޓުތައް ގެންނަ އޭޖެންޓުންގެ ކަންބޮޑުވުންތަކާއި، މިވަގުތު އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިސްވެރިންނާ ހިއްސާކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ އިސް އޮފިޝަލުންތަކާ އެމްޕީއެލްގެ ފަރާތުން މިއަދު ބައްދަލުކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އަދި ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިންނެވެ.

އެމްޕީއެލުން ބުނީ މި ބައްދަލުވުމުގައި، ރާއްޖެއަށް ކްރޫސްލައިނާތަކާއި ޔޮޓުތައް ގެންނަ އޭޖެންޓުންގެ ކަންބޮޑުވުންތަކާއި، މިވަގުތު އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު މަޔާ އިން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ހިދުމަތްތައް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކުގެ މައުލޫމާތުތައް މާޔާއާ ހިއްސާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، ރާއްޖެއަށް ކަނޑުމަގުން ޓޫރިސްޓުން ގެންނަ އުޅަނދުފަހަރަށް ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވެސް ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.