ޚަބަރު

‏މިއީ ޖުމުހޫރީ ތާރީހުގައި މިނިވަންކަމަށް އެންމެ ނުރައްކާތެރިވި ތިން އަހަރު: ޑރ. ޖަމީލް

ރިފާ ހަލީލު

‏މިއީ ޖުމުހޫރީ ތާރީހުގައި މިނިވަންކަމަށް އެންމެ ނުރައްކާތެރިވި ތިން އަހަރު ކަމަށް މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތެއް ކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށަ މިއަދު ތިން އަހަރު ފުރުމާ ގުޅިގެން ފާޑު ކިޔުން އަމާޒު ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ މިއީ ޖުމްހޫރީ ތާރީހުގައި މިނިވަންކަމަށް އެންމެ ނުރައްކާތެރިވި ތިން އަހަރު ކަމަށެވެ. އަދި މިއިީ ދުސްތޫރުން ބޭރުން ކެބިނެޓް ހިންގާތާ ތިން އަހަރު ފުރުނު ދުވަސް ކަމަށާއި އިގުތިސޯދުގެ އޭބީސީޑީ ނޭނގި ހިންގާތާ ތިން އަހަރު ފުރުނު ދުވަސް ކަމަށްވެސް ވިދާޅުވި އެވެ.

"ކޯލިޝަން ވެރިންނަށް ސަރުކާރުގެ ގޯސްތައް ނުފެންނައިރު ކުޅުންތެރިން ހަދާ ގޯސްތަކަށް ފޯކަސްކުރާ ޖޯކަރުން ތިބި 3އަހަރު." އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. ޖަމީލް އެ މަގާމުން ދުރުކޮށް އޭގެ ފަހުން ވަނީ ޖަލަށްވެސް ލައިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވެ މި ސަރުކާރު އައުމަށްފަހު އޭނާ ވަނީ ޖަލުން މިނިވަންކޮށްފަ އެވެ. އޭރު ޖަމީލް ހުންނެވީ މި ސަރުކާރާ އެއްކޮޅަށެވެ.

ނަމަވެސް ފަހުން ވަނީ މި ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވާން ފަށްޓަވައިފަ އެވެ. ޢަދި އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައިވެސް ހިމެނި ވަޑައިގެންފަ އެވެ.