ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމޭއިރު ކުޅިވަރާބެހޭ އިންފްރާންސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ހެން ހުންނާނީ ނިމިފައި ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މަހްލޫފު ވިދާޅުވީ، އެ މިނިސްޓްރީން ފުޓްބޯޅަ ދަނޑުތައް ހަދާތީ ޝަކުވާ އަންނަ ކަމަށާއި، އެކަމަށް ފާޑު ކިޔުންވެސް އަންނަ ކަމަށެވެ.
"ނަމަވެސް މަޖިލީހަށް އަޔަސް، ކައުންސިލްތަކާ ބައްދަލު ކުރިއަސް ރަށަކަށް ދިޔަޔަސް އަބަދު ދައްކަނީ، ފުޓްބޯޅަ ދަނޑުގެ ވާހަކަ ފުޓްސަލް ދަނޑުގެ ވާހަކަ އަޅުގަނޑު ދެކެނީ އެކަންތައްތައް މެންބަރުންނާއި ކައުންސެލަރުންގެ ފަރާތުން އަޅުގަނޑާ ހަމައަށް އަންނަނީ އެއީ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންތައްތައް ކަމަށްވާތީ ކަމުގަ،"
މިނިސްޓަރު މަހުލޫފް ވިދާޅުވީ، މީގެ ކުރިން މިހާތަނަށް ރާއްޖޭގައި ނުކުރެވޭ ވަރަށް އެމިނިސްޓްރީއާ ގުޅުން ހުރި މަސައްކަތްތައް މިހާތަނަށް ކުރެވިފައިވާ ކަމަށާއި އެކަމާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިހާތަނަށް 20 ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމައި، 40 އަށްވުރެ ގިނަ ދަނޑުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ހުރިހާ ދަނޑެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލު ކޮށް މިނިސްޓްރީން ކުރަންް ޖެހޭ މަސައްކަތްތައް ކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަަމަވެސް މަސައްކަތްތައް އެކަށީގެންވާ ހަލުވި ސްޕީޑްގައި ކުރިއަށް ނުދަނީ ކުންފުނިތަކުގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރީން ފުޓުބޯޅަ ދަނޑު ހެދުމަށް އެއްވެސް ސަރުކާރަކުން ހަރަދު ކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރުން ކުޅިވަރުގެ އިންފްރާންސްޓްރަކްޗާ ގާއިމު ކޮށް ކުޅިވަރު ކުރިއަރުވަން ވަރަށް ފުޅާދާއިރާއެއްގައި މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އިންޑޯ ސްޕޯޓްސް ކޮމްލެކްސްތަކާއި ސިންތެޓިކް ޓްރެކްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަން ކަމަކީ މާލެއަށް އެކަނި ހާއްސަ ކުރުމުގެ ބަދަލުގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.