Close
ދުނިޔެ

ޗައިނާއިން އެހެން ގައުމެއްގެ އިންޗިއެއްހައި ބިންކޮޅެއްވެސް ނަގާފައެއް ނޯންނާނެ: ރައީސް ޝީ ޖިންޕިން

ޗައިނާއިން އެހެން ގައުމެއްގެ އިންޗިއެއްހައި ބިންކޮޅެއްވެސް ނަގާފައި ނޯންނާނެ ކަމަށް އެ ގައުމުގެ ރައީސް ޒީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

އިއްޔެ ޖޯ ބައިޑެން އާއެކު ވާޗުއަލްކޮށް ޒީ ޖިންޕިން ބައިވެރިވެވަޑައިގެންނެވި ސަމިޓުގައި ރައީސް ޒީ ޖިންޕިންގް މިހެން ވިދާޅުވީ ޗައިނާ އަކީ ސުލްހައަށް އަބަދުވެސް ލޯބިކުރާ ގައުމެއްކަން ޔަގީންކޮށްދެއްވަމުންނެވެ. އެމަނިކުފާނުގެ ވާހަކައިގައި މިހާތަނަށް އެއްވެސް ގައުމެއްގެ އިންޗިއެއްހައި ބިންކޮޅެއްވެސް ފޭރިގަނެފައި ނުވާނެ ކަމަށާއި އަދި ހަނގުރާމައެއް ކޮށްފައިވެސް ނުވާނެ ކަން ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ޒީ ޖިންޕިންގް މިހެން ވިދާޅުވީ ބެއިޖިންގުގެ ވަށައިގެންވާ ސަރަހައްދުތަކަށް ޗައިނާއިން އަތްގަދަ ކުރަން އުޅޭކަމުގެ ޝަކުވާތަކެއް އަމާޒު ވަމުން އަންނަ ދުވަސްވަރެއްގައެވެ.

''ޗައިނާގެ ރައްޔިތުންނަކީ އަބަދުވެސް ސުލްހައަށް ލޯބި ކުރާ ބައެއް. ލޭ އޮހޮރުވުމަށް ހިތްވަރު ދިނުމަކީ މި ގައުމުގެ ރައްޔިތުންގެ ލޭގައި ހިނގާނެ ކަމެއް ނޫން.'' ރައީސް ޒީ ޖިންޕިން ވިދާޅުވިއެވެ.

ޗައިނާއިން ސަރަހައްދީ އިމުގެ ވަށައިގެންވާ ގައުމުތަކަށް އަތްގަދަކުރަން އުޅޭކަމުގެ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އިންޑިއާ އާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކާއި ޖަޕާނާ އެކު މިމައްސަލައިގައި ދެބަސްވުންތައް ވަނީ ހިނގާފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ނިސްބަތްވާ ގައުމުތައް ކަމަށްވާ ވިއެޓްނާމް، މެލޭޝިއާ، ފިލިޕީންސް، ބުރޫނާއި އަދި ޓައިވާނާ ދެކޮޅަށް އެ ސަރަހައްދުގައި ޗައިނާއިން ވަނީ ރަށްތަކެއް ތަރައްގީ ކޮށްފައެވެ. އަދި އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދުގައި އޮންނަ ސެންކަކޫ ރަށްތަކުގެ މައްސަލައިގައި ޖަޕާނާ މައްސަލަ ޖެހިފައިވެއެވެ. ޗައިނާއިން ބުނަމުން އަންނަނީ އެ ރަށަކީ ޗައިނާގެ ޑާޔޫ ރަށްތަކެއް ކަމަށެވެ.