ކޮވިޑުގެ ބަލިމަޑުކަމުން މުޅިން އަރައި ނުގަނެވުނަސް، އުންމީދުގެ ހުޅުކޮޅެއް ލޮލޮކޮޅުން މިހާރު ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ކްރޮސް ރޯޑްގައި މިރޭ ކުރިއަށްދިޔަ "ގޯލްޑް 100" އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވާ ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާރާއެކު ކަމަށެވެ. އަދި ކޮވިޑާއެކު އައި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އިގުތިސާދީ ހަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ. މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޮވިޑުގެ ކުރިން އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ނަތީޖާވެސް ފެންނަމުން އަންނަ ކަމަށެވެ.

އިގުތިސާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކު ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށާއި އެގޮތުން ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

"އައު ވިޔަފާރިތައް ރާއްޖޭގެ އިގުތިސޯދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، "ގޯލްޑް 100" ހަފުލާގައި މިރޭ އެވޯޑް ހާސިލުކުރާ ވިޔަފާރިތަކަކީ ކާމިޔާބު ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް ކަމަށެވެ. އެއީ ހަމައެކަނި ފައިދާއަށްޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން ކަމަށާއި އެއީ އީޖާދީ އުފެއްދުންތެރިކަމާއެކު، ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.