ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލުން ބުނީ، ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. މިއަހަރުގެ ހަތަރުވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ވަނީ ހަމަޖައްސައިފައެވެ.
ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާހުރި ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ބީއެމްއެލުން 50،000 ރުފިޔާ ދޭނެއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެކަމާ ގުޅޭ ލިޔެކިއުންތައް މިމަހުގެ ނިޔަަލަށް ހުށަހަޅަން ޖެހޭއިރު ޕްރޮޕޯސަލާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 55 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ބީއެމްއެލުން ވަނީ ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު