ރައްޔިތުންގެ މަޖިލިސް

ފައިސާ ޗާޕު ކުރުމުގެ ހުއްދަ އިތުރު ކޮށްދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ޝަރީފް

އިބްރާހިމް ޒަކީ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑްރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަކީ ކޮށްދޭން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، އޯވަ ޑްރޯ ކުރަން ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކޮށްދިނުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ވާހަކަ ދެއްކިއިރު ރާއްޖޭގެ އިގުތިސޯދު ރަނގަޅުވަމުން އަންނަ ކަމަށާއި ފައިސާ އާއި ބޭރުގެ އެހީ ރާއްޖެއަށް ލިބެމުން އަންނަ ކަމަށް ސަރުކާރުން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ޗާޕު ކުރުމުގެ ހުއްދަ އިތުރު ކުރުމަށް ހުށަހެޅުމުން އެ ވާހަކައިގެ ދެކޮޅު ނުޖެހޭ ކަން ހާމަ ވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިދަނޑިވަޅުގައި އެފަދަ ހުއްދައެއް ދިނުމަކީ ރާއްޖޭގެ އިގުތިސޯދު އިތުރަށް ހަލާކުވެ ރައްޔިތުންނަށް އިތުރު ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން ޑޮލަރުގެ އަގު މަތިވެ ފައިސާގެ އަގު މަތިވެ އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު މަތިވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ ހުއްދަ ދިނުމުގެ ބަދަލުގައި، ކަންކަން މެނޭޖު ކުރެވޭނެ ގޮތް މަޖިލީހުން ސަރުކާރަށް ކިޔައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގައި ތިބި ސިޔާސީ މީހުންގެ އަދަދު މަދު ކުރަން ޖެހޭ ކަމަށާއި، ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް މަޖިލިސް މެންބަރުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި އިސް މީހުންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތަށް މަޖިލީހުން ފާސްކޮށް ނުދިނުމަށް މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.