މުނިފޫހިފިލުވުން

ޑްވެއިން ޖޯންސަން ބޮލީވުޑަށް ޝައުގުވެރިކަން ފާޅުކޮށްފި

ފުރުސަތެއް ލިބިއްޖެ ނަމަ ބޮލީވުޑް ފިލްމެއް ކުޅެލަން ޝައުގުވެރިވާ ކަމަށް ހޮލީވުޑް ތަރި ޑްވެއިން ޖޯންސަން ބުނެފި އެވެ.

ނެޓްފްލިކްސްގައި ޕްރިމިއާކުރި ހޮލީވުޑް ފިލްމު ''ރެޑް ނޯޓިސް'' ޕްރޮމޯޓު ކުރުމަށް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އެ ފިލްމުގެ ތަރިން ޑްވެއިން ޖޯންސަން، ގަލް ގަޑޮޓް އަދި ރަޔަން ރޭނޯލްޑްސް ވަނީ ބޮލީވުޑާ މެދު ދެކޭ ގޮތް ކިޔައިދީފައެވެ.

ހޮލީވުޑާއި ބޮލީވުޑަކީ އެންމެ ބޮޑު ދެ ފިލްމު އިންޑަސްޓްރީއަށް ވާއިރު މި ދެ އިންޑަސްޓްރީ ކޮންމެވެސް ގޮތަކުން ގުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޑްވެއިން ވަނީ ބުނެފައެވެ.

ބޮލީވުޑުން އޭނާ އަށް ށަހެޅުމެއް އަދި ލިބިފައި ނުވި ނަމަވެސް ފުރުސަތެއް ލިބިއްޖެ ނަމަ ބޮލީވުޑް ފިލްމެއް ކުޅެލަން ބޭނުންވާ ކަމަށް ޑްވެއިން ބުންޏެވެ. އެވާހަކަތަކަށް ހިތްވަރުދީ ގަލް ގަޑޮޓް ވަނީ ޑްވެއިން އަށް ބޮލީވުޑުން ފުރުސަތެއް ދޭން ފެންނަ ކަމަށް ބުނެ ޑްވެއިން އަކީ މޮޅަށް ނަށަން ވެސް އެނގޭ މީހެއް ކަމަށާއި އޭގެން ފައިދާ ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޑްވެއިން ވަނީ އޭނާއަށްވުރެ ރަނގަޅަށް ގަލް އަށް ނަށަން އެނގޭ ކަމަށް ބުނެފައެވެ. މި ދެ ތަރިންގެ އިތުރުން ރަޔަން ރޭނޯލްޑްސް ވަނީ އޭނާ ކުޅެފައިވާ މާވެލް ސުޕާހީރޯ ފިލްމު ''ޑެޑްޕޫލް''ގެ ހިންދީ ރީމޭކެއް ހަދަން ރަނގަޅުވާނެ ކަމަށް ބުނެފައެވެ. ރަޔަން ކުޅެފައިވާ ''ފްރީ ގާއި'' އަކީވެސް ބޮލީވުޑާއި ގުޅޭ ކަހަލަ ފިލްމެއް ކަމަށާއި ނަމަވެސް އޭގައި ދައްކައިދެނީ ޑިޖިޓަލް ދުނިޔޭގައި އުޅޭ ކެރެކްޓާއެއް ކަމުން، އެއަށްވުރެ ބޮޑަށް ޑެޑްޕޫލް ގެ ހިންދީ ރީމޭކެއް މާ ގުޅޭނެ ކަމަށް އޭނާ ބުންޏެވެ.

ޑްވެއިން ޖޯންސަން، ގަލް ގަޑޮޓް އަދި ރަޔަން ރޭނޯލްޑް ކުޅެފައިވާ ''ރެޑް ނޯޓިސް'' ނެޓްފްލިކްސްގައި ރިލީސްކޮށްފައިވާއިރު މިފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.