އިސްލާމީ ތާރީޚު

މިޒަމާނަށްވެސް ބޭނުންވަނީ ނަބަވީ ސީރަތުގެ ނަމޫނާއެވެ 2

އަބްދުﷲ ފާރޫގް ހަސަން

(12 ނޮވެމްބަރުގެ އަދަދާ ގުޅޭ)

جــابـــر بــن عـبـداللّـه الأنصــارى رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. "އެއްފަހަރަކު އަހަރެމެން ހަނގުރާމަޔަކުން އެނބުރި އައިމަގުމަތީގައި ތަނެއްގައި މަޑުކޮށްލީމުއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވެސް އަރާމުކޮށްލެއްވުމަށްޓަކައި އެއްފަރާތެއްގައިހުރި ގިއުޅިލާށިގަސްތަކެއްގެ ދޮށުގައި އޮށޯވެވަޑައިގެންނެވިއެވެ. އެމާތް ސާހިބާގެ ކަނޑިކޮޅު އޮތީ ގިއުޅިލާށިގަހުގެ ގޮތްޕެއްގައި އެލުވައިލައްވައިފައެވެ. އަހަރެމެންތިބީ ތަންކޮޅެއްދުރުގައި އެކިކަންކަމާ އުޅެއުޅެއެވެ. އެއްބަޔަކު އަރާމުކުރަނީއެވެ. ކުއްލިޔަކަށް އަހަރެމެންނަށް އިވުނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަޑުފުޅެވެ." އިތުރު ސާހިބާ އަހަރެމެންނަށް ވިދާޅުވަނީއެވެ. އަހަރެމެން އަވަސްއަވަހަށް އަރިހަށް ހާޒިރުވެއްޖައީމުއެވެ. އިތުރު ސާހިބާގެ އަރިހުގައި ބަދަވީންގެ މީހެއް އިށީނދެލައިގެން އިނެވެ. އިތުރު ސާހިބާ ވިދާޅުވެދެއްވިއެވެ. "އަހުރެންނަށް ނިދިފައިއޮއްވައި މީނާ އައިސް އަހުރެންގެ ކަނޑި ނަގައިފިއެވެ. އަހުރެންނަށް ކުއްލިޔަކަށް ހޭލެވުނުއިރު މީނާހުރީ ކަނޑި އުރައިން ދަމައިގެންނެވެ. މީނާ ބުނަމުންދެއެވެ. "ތިމަންގެ ތިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކުހެއްޔެވެ؟" އަހަރެން ބުނެފީމެވެ. "އެއީ اللّـه އެވެ. އަހުރެން އެހެން ބުނެފައި ތެދުވުމާއެކު މީނާގެ އަތުން ކަނޑި ވެއްޓިއްޖެއެވެ. އަހަރެން ކަނޑި ނަގައިފީމެވެ." جــابـــر رضى اللّـه عنــه ވިދާޅުވިއެވެ. "ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމީހާގެ ކިބަޔަކުން ބަދަލެއް ނުހިއްޕަވައެވެ." (ބުޚާރީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم މާފުކުރެއްވުމާއި ބަދަލު ނުހިއްޕެވުމުގެ ނަމޫނާ ދައްކަވައިފައިވަނީވެސް އެކަނި އެމާތް ސާހިބާގެ ޒާތުފުޅާގުޅޭ ކަންކަމުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންވެސް ޢަމަލުކުރައްވައިފައިވަނީ ހަމައެފަދައިންނެވެ. މައްކާގެ މުޝްރިކުންގެ ނުލަފާ ޖައްބާރުންނަކީ އިސްލާމީ ތާރީޚުގެ އެއްވެސް ދަރިވަރަކަށް އިތުރު ތަޢާރުފަކަށް ބޭނުން ވާނެބަޔެއްނޫނެވެ. އެބައިމީހުންވަނީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުވަންދެން އިތުރު ސާހިބާއާއި އެމާތް ސާހިބާގެ ލޮބުވެތި ޞަޙާބީންގެ ދިރިއުޅުއްވުމަށް ދަތިކޮށްފައެވެ. އެބޭކަލުންނަށް ހިޖުރައިގެ އުނދަގޫ މަގު ޚިޔާރުކުރައްވަން ޖެހިވަޑައިގެންނެވީވެސް މުޝްރިކުންގެ އަނިޔާވެރިކަމާހުރެއެވެ. ބަދުރާއި އުޙުދާއި އަހުޒާބު ހަނގުރާމަފަދަ ވަރުގަދަ މަޢުރިކާތައް ހިންގަވަން ޖެހިވަޑައިގެންނެވީވެސް ހަމަ އެސަބަބާހުރެއެވެ. މައްކާގެ މުޝްރިކުންނަކީ އެބައިމީހުންގެ އިންސާނިއްޔަތާ ޚިލާފު ކަންތައްތަކުގެ ސަބަބުން އަޚުލާޤީ ހުރިހާ ރިޢާޔަތްތަކެއް ލިބުމުގެ ޙައްޤުން މަޙްރޫމުވެފައިތިބި ބަޔެކެވެ. ދުނިޔޭގެ ކޮންމެ ޤާނޫނެއްގެ ހަމައިން ބެލިކަމުގައިވިޔަސް އެބައިމީހުންނަކީ މުޖްރިމުންނެވެ. ކަންމިހެން ހުރުމާއެކުވެސް ރަޙުމަތުގެ ނަބިއްޔާ މައްކާ ފަތަޙަކުރެއްވި ދުވަހު އެހުރިހާ އެންމެންނަށްވެސް މާފުދެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ދޫކޮށްލައްވައިފީމެވެ. ދެން ދިޔަޔަކަސް ވަރިހަމައެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ." (ޞަލާޙުއްދީން) މުއައްރިޚުން ވިދާޅުވާގޮތުގައި އެބައިމީހުންނަށް ހީވީ ކަށްވަޅުތަކުން ނުކުމެގެން ގެޔަށްދާން އަމުރު ލިބުނުހެންނެވެ.

މެދުމިނުގައި ހިފެހެއްޓެވުން

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މާތް ޙަޔާތްޕުޅުގެ ރަންކުލަގަދަ އަނެއް ބާބަކީ މެދުމިނުގައި ހިފެހެއްޓެވުމެވެ. ވަޒަން ހާމަކުރެއްވުމެވެ. ތިލަފަތުގެ ދެކޮޅު އެއްވަރުކުރެއްވުމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަޅުކަންކުރެއްވުމުގައިވެސް ދުނިޔަވީ މުޢާމަލާތުތަކުގައިވެސް އަބަދުވެސް އިޚްތިޔާރުކުރެއްވީ ތިލަފަތްހަމަވާގޮތެވެ. އަދި ފަސޭހަފުޅުގޮތެވެ. އިތުރު ސާހިބާގެ އަޅުކަންކުރެއްވުމުގެ ޝައުޤުވެރިކަމުގެ ބޮޑުކަމުން ރޭގަނޑުގެ ނަމާދުފުޅުގައި ފައިތިލަފުޅު ދުޅަވަންދެން ޤިޔާމު ދިގުކުރައްވައެވެ. ބަރަކާތްތެރި ދޫފުޅު އަބަދުވެސް ތެމިފައިވަނީ ޒިކުރު ކުރައްވާލެއް ގިނަކަމުންނެވެ. އެހައިމެ ގިނައިން ރޯދަފުޅު ހިއްޕަވައެވެ. ފަގީރުފުޅުކަމާއި ނިހާޔަތުގެ ހައިހޫނުފުޅުކަމުގެ މަރުޙަލާތައްވެސް ކަޑައްތުކުރެއްވިއެވެ. އެކަމަކު ދުވަހަކުވެސް ދަރުވޭޝީކަމާއި ރުހުބާނިއްޔަތަކާ ހިތްޕުޅާ ހަމައެއް ނުކުރައްވައެވެ. އިތުރު ސާހިބާ އަނބިއަނބިކަނބަލުންވެސް ޚިޔާރުކުރެއްވިއެވެ. މާތް اللّـه ގެ މަޚުލޫޤުންނާ ގުޅުން ޤާއިމުކުރެއްވިއެވެ. އެމާތް ސާހިބާގެ ޒުވާން އުމުރުފުޅުގެ ފުރަތަމަކޮޅުގައި ވިޔަފާރިކުރެއްވިއެވެ. އެމާތް ސާހިބާގެ ޞަޙާބީންނަށް ވިދާޅުވެދެއްވީ ވިޔަފާރިކުރެއްވުމަށާއި ޙަލާލު މަސައްކަތްޕުޅުން ދިރިއުޅުއްވުން އާރާސްތުކުރެއްވުމަށެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އިރުޝާދުދެއްވި ގޮތުގައި އެންމެ ހެޔޮކަންބޮޑު ރޯއްޖަކީ އަތްފައިގެ މަސައްކަތުން ހޯދާ ރިޒުޤެވެ. މާތް اللّـه ގެ ނަބިއްޔާ داود عليـه السّــلام ވެސް ފަރީއްކުޅުއްވައި އުޅުއްވީ އަތްޕުޅުން ކުރެއްވި މަސައްކަތްޕުޅުން ހޯއްދެވި އާމްދަނީންނެވެ. (ބުޚާރީ) އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ބައިވެރިވެވަޑައިގަންނަވާ ބައްދަލުވެވަޑައިގެންނެވުންތަކުގައި ދެއްވާ ނަސޭހަތްޕުޅުތަކުގެ ސަބަބުން އެއަޑުފުޅު އައްސަވާ ބޭކަލުންގެ ލޯފުޅުތަކުން ކަރުނަފޮދު ނުހިކެއެވެ. ގިސްލެއްވެވެއެވެ. ހަމައެފަދައިން ސަމާސާފުޅު ކުރެއްވުންވެސް އޭގެ މަގާމުގައި ގެންގުޅުއްވިއެވެ.

އެއްފަހަރަކު މުސްކުޅި ބަލިކަށި އަންހެނެއް ނަބަވީ ދަރުބާރަށް ހާޒިރުވިއެވެ. އޭނާ ދެންނެވިއެވެ. "މާތް ސާހިބާއެވެ. މިއަޅާއަށް ސުވަރުގެ ދެއްވާތޯ ދުޢާފުޅުކޮށްދެއްވުން އެދެމެވެ." އިތުރު ސާހިބާ ހިނިވަރުނަކުރައްވައި ސަމާސާފުޅު ކުރެއްވެވުމުގެގޮތުން ޙަދީޘްކުރެއްވިއެވެ. "މުސްކުޅި އަންހެނަކު ސުވަރުގެއަކަށް ނުލައްވާނެއެވެ." އެ މުސްކުޅި ދައިތަ ވަރަށް މޮޅިވިއެވެ. ރޮމުންރޮމުން އެނބުރި ދާންފެށުމުން ޞަޙާބީންނަށް ވިދާޅުވިއެވެ. އެދައިތަޔަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. "މުސްކުޅި އަންހެނުންވެސް ސުވަރުގެ ވައްދަވާނެއެވެ. އެކަމަކު ޒުވާންކަން އަނބުރައި އިޢާދަކޮށްދެއްވައިފައެވެ." (ތިރުމިޒީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އާޔާ أمّ أيـمــن رضـى اللّـه عنــهــا އެއްފަހަރަކު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑަށް ޖަމަލެއް ދެއްވާށެވެ. މިދުވަސްވަރު އަޅުގަނޑުގެ އަތުގައި ސަވާރީއެއްނެތެވެ." އިތުރު ސާހިބާ އެކަމަނާއަށް ވިދާޅުވަނީ މަންމައެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އަހުރެން މަންމައަށްދޭނީ ޖަމަލެއްގެ ދަރިޔެކެވެ." أمّ أيـمــن ވިދާޅުވިއެވެ. "ޖަމަލެއްގެ ދަރިޔަކުން އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟ އަޅުގަނޑަށް ޖަމަލެއް ދެއްވާށެވެ." އިތުރު ސާހިބާ އިޝާރަތްކޮށްލެއްވުމުން ޚާދިމެއް ސަމައްތަރުހެޔޮ ޒުވާން ޖަމަލެއް ގެނެސްފިއެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "މަންމާއެވެ. މިއީ ޖަމަލެއްގެ ދަރިޔެކެވެ." އިތުރު ސާހިބާގެ ސަމާސާފުޅާމެދު އެކަމަނާ ހިނިފުޅުވެޑުވިއެވެ. އެތާނގައި ތިއްބެވި ޞަޙާބީންވެސް ހިނިފުޅުވެޑުވިއެވެ.`

އަމާންކަމާއި ޞުލްޙަ ޤާއިމުކުރެއްވުން

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޒުވާން އުމުރުފުޅަށް ފެށުނުއިރުވެސް އެމާތް ސާހިބާއަކީ އަމާންކަމަށް ލޯބިކުރެއްވި ބޭކަލެކެވެ. އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމަށް ވަކާލާތުކުރައްވާ ބޭކަލެކެވެ. إبــن هشام ބަޔާންކުރައްވައިފައިވެއެވެ.

މައްކާގައި އަމަންއަމާންކަން ޤާއިމުކޮށް އަނިޔާލިބޭ މީހުންނަށް ޙިމާޔަތް ހޯދައިދީ އެފަދަމީހުންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި ކޮމެޓީއެއް އުފެދުނެވެ. ޙިލްފުލްފުޟޫލުގެ ނަމުގައެވެ. އޭރު އިތުރު ސާހިބާގެ އުމުރުފުޅަކީ ފަނަރަވަރަކަށް އަހަރުފުޅެވެ. އެކަމަކުވެސް އެ ޢަހުދުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަމިއްލަފުޅަށްވެސްވަނީ ވިދާޅުވެދެއްވައިފައެވެ. "އަހުރެން عـبـداللّـه بــن جـدعـان ގެ ގޭގައި ކުރެވުނު މުޢާހަދާއެއްގައި ބައިވެރިވީމެވެ. (ޙިލްފުލްފުޟޫލުގެ މުޢާހަދާ ކުރެވުނީ އެގޭގައެވެ.) އަހުރެންގެ ގާތުގައި ރަތްކުލައިގެ ޖަމަލުތަކަކަށްވުރެ އެ މުޢާހަދާގެ ހެޔޮކަން މާބޮޑެވެ. އިސްލާމްދީން އައުމަށްފަހުވެސް އެ މުޢާހަދާއަށް ގޮވައިލެވިއްޖެކަމުގައިވާނަމަ އަހުރެން ލައްބައިކައޭ ޖަވާބުދޭނަމެވެ. (އިބްނު ހިޝާމް)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އުމުރުފުޅުން ފަންސަތިރީސްވަނަ އަހަރުފުޅުގައި ޤުރައިޝުން كـعـبــة اللّـه ގެފުޅު އަލުން ބިނާކުރިއެވެ. ޙަޖަރުލްއަސްވަދު އޭގެ މަގާމުގައި ބާއްވާނެ މީހަކާ ބެހޭގޮތުން ޤުރައިޝުންގެ މެދުގައި ޚިޔާލު ތަފާތުވިއެވެ. ޤުރައިޝުވަންހައިގެ ކޮންމެ ދަރިކޮޅަކުންވެސް ދުށީ އެކަމަކީ އެ ޤަބީލާއެއްގެ ޙައްޤެއްކަމުގައެވެ. ބަހުސު ހޫނުވެ ޚިޔާލުގެ ތަފާތު ވަރަށް މައްޗަށްދިޔައެވެ. ޤުރައިޝުންގެ ހުރިހައި ޤަބީލާތަކަކުންވެސް އެކަމާހުރެ ލޭއޮހޮރުވައިލަން ތައްޔާރުވިއެވެ. އެކަމަކު އެ ނުސިޔާނު ދަނޑިވަޅުގައި ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ތޫނު ވިސްނުންފުޅުން އެކަމުގެ ޙައްލު ހޯއްދަވައިދެއްވިއެވެ. ކެކެމުންދިޔަ ޖަޒުބާތީ އަލިފާންގަނޑު ނިއްވައިދެއްވިއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އިންސާނާގެ ފުރާނަޔަކީ ނުހަނު ޙުރުމަތްތެރި އަދި އެހައިމެ ޤަދަރު އުފުލިގެންވާ އެއްޗެކެވެ. އެހެންކަމުން ދީނުގައި ބަޔާންވެގެންވާ ގޮތުގެމަތީން މެނުވީ އިންސާނެއްގެ ފުރާނަ ހިފުމަކީ ބޮޑު ފާފައެއްކަމުގައި ކަނޑައެޅުއްވިއެވެ. (ބުޚާރީ، މުސްލިމް) އަދި ކީއްތޯއެވެ؟ އެންމެމީހަކު ޤަތުލުކުރުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކުރުންފަދަ ކަމެއްކަމުގައި ހަމަޖެއްސެވިއެވެ. (الـمـائـدة: 32) ޚުޠުބަތުލްވަދާޢުގައި (ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި) އިންސާނީ ފުރާނަތަކަކީ ޙުރުމަތްތެރި އެއްޗެއްކަން ބަޔާންކުރައްވަމުން ޙަދީޘްކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދާ ވަނީ އެކަކު އަނެކެއްގެ މައްޗަށް ޙަރާމުވެގެންނެވެ. ތިޔަބައިމީހުންގެ މިއަދާއި، ތިޔަބައިމީހުންގެ މިމައްސަރާއި ތިޔަބައިމީހުންގެ މިރަށް ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ." (އިބްނު ހިޝާމް)

(ނުނިމޭ)