މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން މާދަމާ ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ މަރުގެ މެޗެއް ނަމަވެސް، އަދިވެސް ފައިނަލުގެ އުންމީދުގައި ހުރި ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ރާޖަޕަކްސާ ޓްރޮފީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރާއްޖެއިން ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވުމަކީ ފައިނަލަށް ދާން ރާއްޖެއަށް މިހާރު އޮތް ހަމައެކަނި މަގެވެ. ފުރަތަމަ މެޗުގައި ރާއްޖެ ލަންކާ ކައިރީން 4-4 އިން އެއްވަރުވެފައި އޮތް އިރު، އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ މިދިޔަ 18 އަހަރު ތެރޭގައިވެސް ބަންގުލަދޭޝް އަތުން ރާއްޖެވި ފުރަތަމަ ބައްޔެވެ. މާޔޫސީ ދެ މެޗަށްފަހު މާދަމާ ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އުނދަގޫ މެޗަކަށް ކަމަށް ކޯޗު މޮރިއޭރޯ ފާހަގަކުރިއެވެ.

"ދެން އޮތީ މަރުގެ މެޗެއްކަން އެނގޭ. އެހެންވީމާ އެކަމަށް ވިސްނައިގެން މަސައްކަތް ކުރަމުން ދަނީ. މިވަގުތު ފޯކަސް ހުރީ ހަމައެކަނި މާދަމާގެ މެޗަށް. އެ މެޗުގެ ނަތީޖާއަށް އެކަނި ފޯކަސް ހުރީ. ކުޅުންތެރިން ކައިރީ އަހަރެން ބުނަމުން މި ގެންދާ ވާހަކައަކީ ކާމިޔާބު ވާނެ ކަމަށް ގަބޫލު ކުރާށޭ. ޓީމުން ކުރަމުން އަންނަ މަސައްކަތުން ކުރިއެރުންތައް ފެންނަމުން ދޭ. އެހެންވީމާ ކުރަން ޖެހޭ ކަމަކީ އިތުބާރުކޮށް، އިތުބާރާއެކު ސީޝެލްސްއާ ކުރިމަތިލުން،" މިއަދު ބޭއްވި ޕްރި މެޗު ޕްރެސްގައި ކޯޗު މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނެފައި ވަނީ ސީޝެލްސްއަކީ ވަރުގަދަ ޓީމެއް ކަމަށެވެ. ހާއްސަކޮށް އެތުލެޓިކަލީ ސީޝެލްސް ވަރުގަދަ ކަމަށް ކޯޗު ފާހަގަކޮށްފައިވާ އިރު، މޮރިއޭރޯ ބުނީ ސީޝެލްސް ޓީމު ފެންނަނީ ވަރަށް ބޮޑަށް އޯގަނައިޒް ކޮށް، ސީދާ ނަތީޖާ ނެރުމަށް ކުޅޭތަން ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ވިސްނާނީ ރާއްޖޭގެ ކުޅުމަށް ސަމާލުކަން ދީ އަމިއްލަ ގޭމް ފުރިހަމަ ކުރުމަށް ކަމަށް މޮރިއޭރޯ ފާހަގަކުރިއެވެ.

މިދިޔަ ދެ މެޗުގައިވެސް ރާއްޖެއިން ބޭނުންކުރީ ހަމަ އެއް ފުރަތަމަ 11 އެކެވެ. އެ 11 އަށް ބަދަލެއް އައިސްދާނެތޯ ސުވާލުކުރުމުން މޮރިއޭރޯ ބުނީ ލައިން އަޕް ދޭނީ މެޗުގެ 20 ވަރަކަށް މިނެޓު ކުރިން ކަމަށާއި، މުޅި ސްކޮޑުގެ 23 ކުޅުންތެރިންވެސް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ. ޓީމަކީ 11 ކުޅުންތެރިން އެކަނި ނޫން ކަމަށްވެސް މޮރިއޭރޯ ބުންޏެވެ. އޭގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) ފުރަތަމަ 11 އިން ނުފެންނަ ސަބަބާ ގުޅިގެންވެސް ކޯޗު ވަނީ ޖަވާބު ދީފައެވެ.

"ހަމްޒާ ނާރުވަނީވެސް، ފުރަތަމަ 11 ނިންމަނީވެސް އަހަރެން. އަހަންނަކީ ކޯޗު. ހަމްޒާ ނާރަނީ އޭނާ އަނިޔާއަކުން ރިކަވާ ވަމުން އަންނާތީ. އަހަރެން އަރުވަން ބޭނުންވަނީ 100 ޕަސެންޓުގައި ތިބި ކުޅުންތެރިން،" ކޯޗު މޮރިއޭރޯ ބުންޏެވެ.

ކޯޗު މިއަދުގެ ޕްރެސްގައި އިތުރަށް ބުނީ އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށާއި، އެކަން ޓީމަށް އެނގޭނެ ކަމަށެވެ.

"ނަތީޖާއަށް އެކަނި ބަލައިގެ ބުނެވިދާނެ ވަރަށް ގޯސްކޮށޭ ކަންކަން އޮތީ. އެކަމަކު މެޗުތަކަށް ޖުމުލަކޮށް ބަލައިލުމުން ފެންނާނެ ކުރި މަސައްކަތާއި، ކުޅޭ ކުޅުން. މިއީ ބުރަކޮށް މަސައްކަތް ކުރާ ޓީމެއް. އެންމެންވެސް ބުރަކޮށް މަސައްކަތް އެބަ ކުރޭ. އުންމީދު ކަނޑާލައިގެން ނުވާނެ. އެކަން އެނގޭނެ ޓީމަށް. ހަމައެކަނި ފާޑު ކިޔުމަކުން ނުފުދޭނެ. މެޗުތަކުގެ ނަތީޖާއަށް އެކަންޏެއް ނޫން ބަލަން ވީކީ. އަވަސް އިންޓެންސިޓީއެއްގައި ރާއްޖެއިން ކުޅޭ ފުޓުބޯޅަ ބަލަންވީ. މި ކުރަނީ މަސައްކަތް. އަދި ނަތީޖާ ނުނެރެވުނަސް ވަގުތު ދޭން ޖެހޭ. އަހަންނަކީ ކުރިން ފުޓްބޯޅަ ކުޅުންތެރިއެއް. މީގެ 13 އަހަރު ކުރިން އަހަރެން ކޯޗިންގެ މަސައްކަތް ފަށައިފިން. އެހެންވީމަ މި ކުރެވޭ ކަންކަން އަހަންނަށް ވެސް އެނގޭ،" މޮރިއޭރޯ ބުންޏެވެ.

ރާއްޖެއިން މީގެ ކުރިން ސީޝެލްސްއާ ދެކޮޅަށް ފީފާގެ އެކުވެރިކަމުގެ ފަސް މެޗެއްގައި ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން ދެމެޗުން ރާއްޖެ މޮޅުވެފައިވާ އިރު، ސީޝެލްސް އިން ވަނީ ތިން މެޗުން މޮޅުވެފައެވެ. އެ މެޗުތައް ގުނާއިރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗުތައް ނުގުނާނެއެވެ. އެންމެފަހުން ރާއްޖެ އާއި ސީޝެލްސް ކުޅެފައި ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައެވެ. އެ ފަހަރު ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ އާއި ސީޝެލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 15:30 ގައެވެ.