ކުޅިވަރު

ތޯއިފް: ފެށީ ފުޓުބޯޅައިން، މިހާރު ބެޑްމިންޓަންގެ އާ ގައުމީ ޗެމްޕިއަން

މުޙައްމަދު ޝަމްޢޫން

އަހުމަދު ތޯއިފް މުހައްމަދަކީ މިހާރު ބެޑްމިންޓަންގެ ގައުމީ އާ ފިރިހެން ޗެމްޕިއަނެވެ. ގައުމީ ތަށި ތޯއިފް ހޯދީ އިއްޔެ ކުޅުނު ފައިނަލްގައި ނިބާލް އަހުމަދު ބަލިކޮށްގެންނެވެ. ފައިނަލުގައި ނިބާލް އަތުން ތޯއިފް މޮޅުވީ ފަހަތުން އަރައި 2-1 ސެޓުންނެވެ. ފުރަތަމަ ސެޓުން ނިބާލް މޮޅުވީ 11-21 އިންނެވެ. ދެ ވަނަ ސެޓުގެ ތެރެއިން ނިބާލަށް ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަ ކުރިމަތިވިއިރު، ތޯއިފް ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ފަހު ދެ ސެޓުން މޮޅުވެ މެޗު ކާމިޔާބުކޮށްފައެވެ. އެއީ 23-21 އާއި 21-18 އިން ސެޓުތައް ގެންގޮސްގެންނެވެ.

ގައުމީ ޗެމްޕިއަންކަމާ ހަމައަށް ދާން ތޯއިފް ކުރީ ބުރަ މަސައްކަތެވެ. ކުރިމަތިވި ޗެލެންޖުތައް ގިނައެވެ. ގިރާކުރި އެތައް ހަރުފަތެއް އެބައޮތެވެ. އެ ވާހަކަތަކަކީ "އިންސްޕިރޭޝަނަލް" ވާހަކަތަކެކެވެ. ފައިނަލް ކާމިޔާބުކުރުމާއެކު ތޯއިފްގެ މޫނުން ފެނުނު އަސަރުން އެ އުނދަގޫތައް ކިޔާލަ ދިނެވެ. އާއިލާއާއެކު، ހިތްވަރު ގަދަ ބައްޕައާއެކު ތޯއިފަށް ކުރެވުނީ އުފާވެރިކަމުގެ އިހުސާސެވެ. ތޯއިފަށް ކުރެވުނީ ތަކުލީފުތަކުން ހޯދުނު ކާމިޔާބެއްގެ އިހުސާސެވެ.

"ވަރަށް ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާއެއް އެއީ. ޗެމްޕިއަންކަމަށް މާ ކުރިން ޓާގެޓް ކަނޑައަޅައި އެކަށް ކުރި މަސައްކަތް އެއީ،" ގައުމީ ތަށީގެ ވާހަކަ "ވަން"އަށް ކިޔައިދެމުން ތޯއިފް ބުންޏެވެ.

ތޯއިފް ފެށީ ފުޓުބޯޅައިން، ބެޑްމިންޓަނަށް ބަދަލުވީ ގޭތެރެއިން

ސްކޫލު ދައުރުގައި ތޯއިފް ފެށީ ބެޑްމިންޓަނަކުން ނޫނެވެ. އޭނާއަކީ ފުޓުބޯޅަ ގޯލްކީޕަރެކެވެ. ސްކޫލު ވައިޑީޕީ ތެރެއިން ފުޓުބޯޅައަށް ވަން ނަމަވެސް ތޯއިފަށް ފުޓުބޯޅަ ވީ އެހާ ޝައުގުވެރި ކުޅިވަރަކަށް ނޫނެވެ.

"ގާތްގަނޑަކަށް 2007 ވަނަ އަހަރު ބެޑްމިންޓަން ތެރެއަށް މި ވަދެވުނީ. އޭގެ ކުރިން އިމާދުއްދީން ސްކޫލުގެ ތެރެއިން ފުޓުބޯޅައިގެ ވައިޑީޕީއަށް ގޮސް، ފުޓުބޯޅަ ކުޅެންވެސް އުޅެވުނު. އެކަމަކު އެ ނުވި އެހާ ޝައުގުވެރި ކަމަކަށް. ވެދާނެ އެއީ ޓީމު ގޭމެއް ކަމަށް ވުމުން ކަމަށްވެސް. އަސްލު ބޮޑަށް ބެޑްމިންޓަން ތެރެއަށް ދެވުނީ އިންޑިވިޖުއަލް ކުޅިވަރަކަށްވީމަ، މީހަކަށް ބަރޯސާ ނުވެ ކުރިއަރައިގެން ދެވޭނެ ކުޅިވަރަކަށް ބެޑްމިންޓަން މިވީ،" ތޯއިފް ބުންޏެވެ.

ތޯއިފް ބެޑްމިންޓަނަށް ފުރަތަމަ ވަދެގެން ދިޔައީ ގޭތެރެއިންނެވެ. ބައްޕައަކީ ބެޑްމިންޓަނަށް އޭނާ ޝައުގުވެރިކުރުވި މޭސްތެރިޔާއެވެ. ރޭގެ ފައިނަލުގައިވެސް އެންމެ ބޮޑަށް ހިތްވަރުދީ، ތޯއިފްގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ ހަމަ ބައްޕައެވެ.

"ބެޑްމިންޓަންގެ ތެރެއަށް ވަދެވުނީ އަސްލު ގޭ ތެރެއިން. އެއީ ބައްޕައަކީ ސޯޝަލް ލެވެލްގައި ކުޅޭ މީހެއް. ބައްޕަގެ ސައިޑުން ބެޑްމިންޓަންގެ ތެރެއަށް ވަދެ، ވައިޑީޕީ ޕްރޮގްރާމެއްގެ ތެރެއިން ބެޑްމިންޓަންގެ ތެރެއަށްވެސް ވަދެވުނު. ޗެމްޕިއަނަކަށް ވާން މާ ކުރިންވެސް ޓާގެޓެއް ކަނޑައެޅިން. އެ ޓާގެޓަށް ކޮންމެ ދުވަހަކުވެސް ބުރަކޮށް މަސައްކަތް ކޮށް، ވަރަށް ގިނަ ދުވަހު ކުރި މަސައްކަތް މިއީ، ވަރަށް ބުރަކޮށް ތަމްރީނު ވެ، ވަރަށް ބުރަކޮށް މަސައްކަތް ކުރިން ހަގީގަތުގައި މި ކާމިޔާބީއަކީ ހަމަ ބުރަ މަސައްކަތުގެ ނަތީޖާ،" ތޯއިފް ބުންޏެވެ.

ތޯއިފްގެ ދަތުރު ފަސޭހައެއް ނޫނެވެ. "ސެޓްބެކް"ތަކުގެ ވާހަކަވެސް އެބަ އޮތެވެ. ރިޔޫނިއަންގައި 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުން އޭނާއަށް ފުރުސަތު ގެއްލުނީ ފަހު ވަގުތުއެވެ. އެ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި އަޖުފާން އަތުން ވީ ބައްޔެވެ. އޭގެ ފަހުން އިންޑިއާގެ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮތް ސައުތު އޭޝިއަން ގޭމްސް އަށްފަހު އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ތޯއިފް ބެޑްމިންޓަނާ ދުރަށް ދިޔައެވެ.

ވަޒީފާގެ ސަބަބުންނާވެސް އެކު ބެޑްމިންޓަނާ ވަކިވެލަން ތޯއިފަށް މަޖުބޫރު ވެގެން ގޮސްފައިވީ ނަމަވެސް، އެނބުރި އައީ ޕޮލިސް ކްލަބުގެ އެހީތެރިކަމާވެސް އެކުގައެވެ. އެނބުރި އައިސް ތޯއިފް ތަފާތުވެސް ދައްކައިފިއެވެ. އެ ހިތްވަރު ހޯދީ އެތައް ބައެއްގެ އެހީތެރިކަމާވެސް އެކުގައެވެ.

"މަންމަ އާއި ބައްޕަގެ އިތުރުން މުޅި އާއިލާއަށް ޝުކުރު އަދާކުރަން ބޭނުން. އަންހެނުންނާއި އޭނާގެ އާއިލާއަށްވެސް. އޭގެ އިތުރުން ބެޑްމިންޓަންގައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ރިވައިވަލް ސްޕޯޓްސްގެ މެނޭޖުމަންޓް، ޒަޔާން އަށް ހާއްސަކޮށް، އެ ފަހިކޮށްދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އޭގެ އިތުރުން ޕޮލިސް ކްލަބަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ތޯއިފް ބުންޏެވެ.