ޚަބަރު

ފައިޒާ ވެކްސިން ހޯދަން އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފި

ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން އެމެރިކާގެ ކުންފުންޏަކާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ފައިޒާ ބަޔޮންޓެކް ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، ފައިޒާ އެކްސްޕޯޓް ބީވީއާ އެކުގައި ކަމަށެވެ. އެ ވެކްސިނަކީ، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށް ވުމުން ވަކި ބައެއްގެ ފަރާތުން ނޫނީ މި ވަގުތު އެ ލިބެން ނެތް ކަމަށްވެސް ގަރާރުގައި ވިދާޅުވެފައިވެއެވެ.

ގަރާރުގައި އިތުރަށް ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރަން ބޭނުންވާ ވެކްސިން ހޯދަން އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.02.1 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން، އެ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރުމަށް ޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހަތަރު މާއްދާއަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް ގަރާރުގައި ވިދާޅުވެފައިވެއެވެ.

އެ ހަތަރު މާއްދާއަކީ މާލިއްޔަތު ގަވައިދުގެ 10.43 ވަނަ މާއްދާ އާއި 10.52 ވަނަ މާއްދާ އާއި 10.67 ވަނަ މާއްދާ އަދި 10.71 ވަނަ މާއްދާއެވެ. އެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމީ ހަމައެކަނި ވެކްސިން ގަތުމަށް ޓަކައި ފައިޒާއާއެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށެވެ. ނަމަވެސް އެއްބަސްވުން ހަދާ މުއްދަތާއި ވެކްސިން ގެންނަން ކުރާ ހަރަދުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

"އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭ ގޮތުން އަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް ނިންމައި އެކަން އިއުލާނުކުރަމެވެ." ގަރާރުގައި ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ގަރާރުގައި އިތުރަށް ވިދާޅުވީ، ފައިޒާއާއެކު ހަދާ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށާއި އަދި އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބަލަން އަންގާ ކަމަށެވެ.