ރޭ ކުޅުނު ބެޑްމިންޓަން އަންހެން ގައުމީ މުބާރާތުގެ ފައިނަލްތަކުގައި ފާތިމަތު ނަބާހާ އަނެއްކާވެސް ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ.
ނަބާހާ ރޭގެ ފައިނަލްތައްވެސް ސައްތައިން ސައްތަ ރެކޯޑަކާއެކު ނިންމާލާފައިވާ އިރު، އެއީ ނަބާހާ 2019 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވެސް ހޯދި ކާމިޔާބީއެކެވެ. އެ އަހަރުވެސް ނަބާހާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައެވެ.
މިއަހަރުވެސް ތިން ތަށި ނަބާހާ ހޯދި އިރު، ސިންގަލްސް ފައިނަލްގައި ނަބާހާ ވާދަ ކުރީ އެއްމާބަނޑު ކޮއްކޮ، އައިމިނަތު ނަބީހާ އާއެވެ. ނަބީހާ ބަލިކޮށް ނަބާހާ ވަނީ ސިންގަލްސް ފައިނަލް ތިންވަނަ ފަހަރަށް ކާމިޔާބު ކޮށްފައެވެ.
އަންހެން ޑަބަލްސްއިން ނަބާހާ އާއި ނަބީހާގެ ޕެއާ އިން ތަށި ދިފާއު ކުރީ ފައިނަލުގައި އައިމިނަތު ޝަހުރުނާޒް އާއި މައިސާ ފަތުހުﷲގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 21-12 އަދި 21-19 އިންނެވެ.
މިކްސް ޑަބަލްސްގައި ނަބާހާ އާއި ޒަޔާން ޒަކީ ތަށި ދިފާއު ކުރީ ހިޝާމް ލަތީފް އާއި މައިސާގެ ޕެއާއާ ވާދަކޮށެވެ. ސެޓުތައް ގެންދިޔައީ 21-14 އަދި 21-9 އިންނެވެ.
ނަބާހާއަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓެވެ. މިއަހަރު ޓޯކިއޯގައި ބޭއްވި އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާލި ނަބާހާ ވަނީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ދެ ރަން މެޑަލް ހޯދައިފައެވެ.
އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދި އިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރު އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު