ރާއްޖޭގެ ޖުމުލަ ދަރަނި 95.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ދަރަނީގެ ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް މިއަދު ނެރެފައިވާ "ދަރަނީގެ ތަފާސް ހިސާބުތައް" ދައްކާ ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަންޏާއެކު ރާއްޖޭގެ ޖުމުލަ ދަރަނި ވަނީ 95.4 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

އޭގެ ތެރެއިން ބޭރުގެ ދަރަނީގެ ނިސްބަތަކީ 47.5 ބިލިއަން ރުފިޔާއެވެ. އެތެރޭގެ ދަރަނި އުޅެނީ 47.9 ބިލިއަން ރުފިޔާގައެވެ.

ގެރެންޓީ ދީފައިވާ ދަރަންޏަށް އެކަނި ބަލައި އިރު، މިއަހަރުގެ ތިން ވަނަ ކުއާޓަރާ ހަމައަށް ދަރަނި ވަނީ 18 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ގެރެންޓީ ދީފައިވާ ދަރަންޏަށްވުރެ 1.9 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ރާއްޖޭގެ ޖުމުލަ ދަރަނި ޖީޑީޕީގެ ނިސްބަތުން ބަލާނަމަ މިހާރު ވަނީ 124 ޕަސެންޓަށް އަރައިފައެވެ. ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ހުރީ 62 ޕަސެންޓުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 62 ޕަސެންޓުގައެވެ.