މުނިފޫހިފިލުވުން

ޝިލްޕާ އާއި ފިރިމީހާ ވިޔަފާރީގައި މަކަރު ހެދި ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހެޅުމުން ޝިލްޕާ ރައްދުދީފި

ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ އަދި ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް އަނެއްކާވެސް މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ވިޔަފާރީގައި މަކަރާއި އޮޅުވައިލުމުގެ މައްސަލަ މިދެމަފިރިންގެ އިތުރުން އެސްއެފްއެލް ފިޓްނަސް ކުންފުނީގެ ޑައިރެކްޓަރު ކާޝިފް ހާންގެ މައްޗަށް އުފުލާފައިވަނީ މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ނިތިން ބަރާއީ ކިޔާ މީހެކެވެ.

ނިތިން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހު ކާޝިފް ހާން، ޝިލްޕާ ޝެޓީ އަދި ރާޖް ކުންދުރާ ހިމެނޭހެން ބަޔަކު އޭނާ ގާތަށް އައިސް އެސްއެފްއެލް ކުންފުންޏަށް 1.51 ކުރޯޅު އިންޑިއާ ރުޕީސް އިންވެސްޓުކޮށްދިނުމަށް އޭނާ ގާތުން އެދުނު ކަމަށެވެ. އަދި އިންވެސްޓު ކޮށްދީފިނަމަ އޭނާއަށް ކުންފުނީގެ ފްރެންޗައިސްގެ ދަށުން ޕޫނޭ ގައި ޖިމަކާއި ސްޕާއެއް ހުޅުވުމުގެ ފުރުސަތު ދޭނެ ކަމަށްވެސް އެއްބަސްވި ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް އެ ކުންފުނިން އޭނާއަށް ކޮށްދީފައި ނުވާ ކަމަށެވެ. އެ ކުންފުންޏަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުން އޭނާއަަށް އިންޒާރުދީ ހަދާފައިވާ ކަމަށްވެސް ނިތިން ވެއްދި މައްސަލައިގައި ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދައުވާތަކަށް އިންކާރުކޮށް ޝިލްޕާ ޝެޓީ ވަނީ ބަޔާނެއް ނެރެފައެވެ. ޝިލްޕާ ބުނީ ގޮތުގައި އެސްއެފްއެލް އަކީ ކާޝިފް ހާން ހިންގަމުން އަންނަ ފިޓްނަސް ކުންފުންޏެއް ކަމަށެވެ. ވިޔަފާރީގެ ހުރިހާ މުއާމަލާތެއްވެސް ކުރުމުގެ ހައްގު އޮންނަނީ ކާޝިފްގެ އަތްމަތީގައި ކަމަށާއި އެ ކުންފުންޏަކީ 2014 ވަނަ އަހަރު ވިޔަފާރި ކުރުން ހުއްޓާލާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައިސްފައި ވަނީ ކާޝިފް ކަމަށާއި އެކުންފުނީގެ ވިޔަފާރި މުއާމަލާތްތަކާއި ލިބޭ ފައިދާގެ އެއްވެސް މިންވަރެއްގައި ޝިލްޕާގެ ދެމަފިރިންގެ ބައިވެރިވުމެއް އެއްވެސް ވަރަކަށް ނޯންނާނެ ކަމުގައި އޭނާ ބުނެއެވެ.

ޝިލްޕާގެ ޓުވީޓު ---

ޝިލްޕާ އިތުރަަށް ބުނީ ފާއިތުވި 28 އަހަރު އޭނާ އަކީ ބުރަކޮށް މަސައްކަތްކުރަމުން އައިސްފައިވާ މީހެއް ކަމަށާއި ހަސަދަ ފިލުވުމުގެ ގޮތުން އޭނާގެ ނަން ހަރާބު ކުރުމަށް ބަޔަކު މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އިންޑިއާގެ އެހެން ކޮންމެ ރައްޔިތަކަށްވެސް ލިބެދޭ ހައްގުގެ ދަށުން އޭނާގެ ހައްގު ވެސް ރައްކާތެރިކޮށްދިނުމަށް އެދޭ ކަމުގައި ޝިލްޕާ ވަނީ ބުނެފައެވެ.

ޝިލްޕާ ޝެޓީގެ ފިރިމީހާ، ވިޔަފާރިވެރިޔާ ރާޖް ކުންދުރާ ވަނީ މީގެ ކުރިން ޖުލައިމަހުގެ ތެރޭގައި ބަރަހަނާ ފިލްމު އުފައްދައި ވިއްކުމުގެ ވިޔަފާރީގެ މައްސަލައިގައި ހައްޔަރުކުރެވި ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.