މުނިފޫހިފިލުވުން

އައިޝްވާރްޔާ އާއި އާއިލާ އަދި ސާރާ އަލީ ހާންގެ އިތުރުން ޕޫޖާ ހެގްޑޭ ރާއްޖޭގައި

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އައިޝްވަރިޔާ ރާއީ ބަޗަން، އަބިޝޭކް ބަޗަން އަދި އަރާދިޔާ ބަޗަން، އަމިއްލަ ފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އިއްޔެ ރާއްޖެ އައިސްފައިވާއިރު، ސާރާ އަލީ ހާންގެ އިތުރުން ޕޫޖާ ހެގްޑޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ފޮޓޯތައް ވެސް އެތަރީންގެ އިންސްޓަގްރާމް އެކައުންޓުގައި އަންނަނީ ހިއްސާކުރަމުންނެވެ.

ކުރީގެ މިސް ވޯލްޑް އައިޝްވާރިޔާ ރާއީ ބަޗަން އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބިޝޭކް ބަޗަން އާއި ދަރިފުޅު އަރާދްޔާ ޗުއްޓީއަށް ރާއްޖެ އައިސްފައި މިވަނީ އަރާދްޔާގެ އުފަންދުވަހާ ދިމާކޮށެވެ. އަރާދްޔާއަށް ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު 10 އަހަރު ފުރޭނެއެވެ. ރާއްޖޭގެ ހިތްގައިމު މަންޒިލުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އައިޝްވާރިޔާ އަދި އަބީޝޭކް އަންނަނީ އެމީހުންގެ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.

26 އަހަރުގެ ސާރާ އަލީ ހާން އަކީ ރާއްޖޭގައި އާއްމުކޮށް ޗުއްޓީ ހޭދަކުރަމުން އަންނަ ބަތަލާއެކެވެ. މިފަހަރު ރަށްޓެހިންނާ އެކު ޕަޓީނާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ސާރާ ވެސް އަންނަނީ އިންސްޓަގްރާމުގައި ފޮޓޯތައް ހިއްސާކުރަމުންނެވެ.

2018 ވަނަ އަހަރު ސުޝާންތު ސިންގް ރާޖްޕުތު އާއެކު ކުޅުނު ''ކެދާރްނާތު'' އިން ބޮލީވުޑަށް ނުކުމެ އިންޑަސްޓްރީގައި ފައިހަމަ ކޮށްލާފައިވާ ސާރާ އަލީ ހާން އެންމެފަހުން ފެނިގެން ގޮސްފައިވަނީ، ވަރުން ދަވަން އާއިއެކު ކުޅުނު ''ކޫލީ ނަމްބަރު 1'' އިންނެވެ. ސާރާ އަލީ ހާން އަކީ ސައިފް އަލީ ހާން އަދި އަމްރިތާ ސިންގުގެ ދޮށީ ދަރިފުޅެވެ. އަދި ސާރާގެ ކޮއްކޮ އިބްރާހިމް އަލީ ހާން ވެސް އަންނަނީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުންކަމުގައި ހަބަރުތައް ބުނެއެވެ.

މި ތަރިންގެ އިތުރުން ބަތަލާ ޕޫޖާ ހެގްޑޭ ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ހުވަފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމުގައި ވަނީ ހިއްސާކުރަން ފަށާފައެވެ.

ޕޫޖާ އަކީ ބޮލީވުޑްގެ އިތުރުން ސައުތު ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ބަތަލާއެކެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ އޮކްޓޫބަރުގައި ރިލީސްވި ސައުތު ފިލްމު ''މޯސްޓް އެލިޖިބަލް ބެޗެލާ'' އިން ނެވެ. ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ފިލްމު ''ބީސްޓް'' އަދި ''އަޗަރްޔާ''ގެ އިތުރުން ޕްރަބާސްއާއެކު ފެނިގެންދާ ފިލްމު ''ރާދޭ ޝާމް''ގެ މަސައްކަތްތައް ހިމެނެއެވެ.

ޕޫޖާގެ ކުރިއަށް ހުރި ބޮލީވުޑް މަސައްކަތްތަކަށް ބަލާއިރު ރަންވީރް ސިންގުގެ ''ސާކަސް'' އަދި ސަލްމާން ހާން އާއިއެކު ފެނިގެންދާ ''ބައިޖާން'' ގެ މަސައްކަތްތައް ހިމެނެއެވެ. ޕޫޖާ ހެގްޑޭ ބޮލީވުޑަށް ނުކުމެފައިވަނީ ރިތިކް ރޯޝަންއާއެކު 2016 ވަނަ އަހަރު ކުޅުނު ފިލްމު ''މޮހެންޖޯ ޑާރޯ'' އިންނެވެ. އިންޑިއާގެ ކާމިޔާބު ބަތަލާ އަދި މޮޑެލް ޕޫޖާ ހެގްޑޭ ވަނީ މީގެ ކުރިން 2010 އަހަރުގެ މިސް ޔުނިވާސް އިންޑިއާ އަށް ވާދަކޮށް ދެވަނަ ރަނަރަޕަށް ވެސް ހޮވިފައެވެ.