މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ (ސީއައިއެފް)ގެ އަގު 2020 ވަނަ އަހަރުގެ މަހާ އަޅައި ބަލާއިރު 90 ޕަސެންޓު މައްޗަށް އަރައިފިއެވެ.

ކަސްޓަމްސް އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް 2.0 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދު ވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިއީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިމްޕޯޓަށް އައި ހީނަރުކަމަށްފަހު، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3.7 ބިލިއަން ރުފިޔާގެ އިމްޕޯޓާ އަރާ ހަމަކުރި ފުރަތަމަ ފަހަރެވެ.

ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 294 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ދައުލަތަށް ލިބުނީ 424 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅައި ބަލާއިރު 31 ޕަސެންޓު ދަށްވުމެއް ކަމަށްވެސް އެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިޔާ، ޔޫއޭއީ، އަދި ޗައިނާ އެވެ. އެގޮތުން އޮމާން އިން 512 މިލިއަން ރުފިޔާގެ މުދާ އަދި، އިންޑިއާ އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އޭގެ އިތުރުން ޔޫއޭއީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 437 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ގައުމުތަކަކީ ތައިލެންޑް، ޖަރުމަނުވިލާތް، ފްރާންސް، އިނގިރޭސިވިލާތް އަދި ނެދާލޭންޑްސް އެވެ. ތައިލެންޑަށް 55 ޕަސެންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނަށް ވަނީ 16 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. ފްރާންސުން ހަ ޕަސެންޓް، އިނގިރޭސިވިލާތުން ހަތަރެއް އަދި ނެދަލޭންޑްސް އިން ތިން ޕަސެންޓެވެ.