މިދިޔަ ތިން އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 292 މީހެއްގެ މައްޗަށް 409 ދައުވާއެއް ކޯޓަށް ހުށަހެޅި ނަމަވެސް، 82 ޕަސެންޓް މައްސަލަތަކުގެ ޝަރީއަތް އަދިވެސް ކުރިއަށްދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
(ތަފްސީލު އަންނަނީ)
- 2019 ވަނަ އަހަރު 71 މީހެއްގެ މައްޗަށް 101 ދައުވާ ކޯޓަށް ހުށަހެޅި
- 2020 ވަނަ އަހަރު 158 މީހެއްގެ މައްޗަށް 192 ދައުވާ ކޯޓަށް ހުށަހެޅި
- 2021 ވަނަ އަހަރު އޮކްޓޫބަރު މަހާ ހަމަޔަށް 83 މީހެއްގެ މައްޗަށް 116 ދައުވާ ކޯޓަށް ހުށަހެޅި
ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މިދިޔަ އަހަރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރާ އަޅައިބަލާއިރު، މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެގޮތުން މިފަދަ މައްސަލަ މީހުން ރިޕޯޓުކުރާ މިންވަރާއި މިފަދަ މައްސަލަތަކުގެ ހެކި ހޯދޭ މިންވަރާއި އަދި ކޯޓަށް ހުށަހެޅޭ ވަރު ވެސް އިތުރުވެއްޖެ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ތިން އަހަރު އަޅުގަނޑުމެންނަށް ހުށަހެޅުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ 292 މީހުންގެ މައްސަލަ. މި މީހުންނަށް 409 ދައުވާއެއް ކޮށް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ ވާނީ. އޭގެ ތެރެއިންވެސް 82 ޕަސެންޓް މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށް. ކޯޓު މަރުހަލާ ނިމުނު ކަމަށް އަޅުގަނޑުމެންގެ ތަފާސް ހިސާބު ދައްކަނީ 17 މީހުންގެ މައްސަލަ. އެއީ 2009 ވަނަ އަހަރުގެ ނުވަ މައްސަލަ އަކާއި މިދިޔަ އަހަރުގެ 12 މައްސަލައެއް. މިއަހަރުވެސް މައްސަލަތަކެއް ނިމުނުކަން އެނގޭ. އެކަމަކު އޭގެ ރިޕޯޓު އަޅުގަނޑުމެންނަށް އަދި ނުލިބޭތީ ހިސާބުތަކުން ނުދައްކަނީ." އޭނާ ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ މިއަހަރުގެ މައްސަލަތައް މާ ބާރަށް ނުހިނގި ނަމަވެސް މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އަދި އަންދާޒާ ކުރަނީ މިއަހަރު ނިމެންވާއިރަށް 140 ވަރަކަށް މީހުންގެ މައްސަލަ ނިންމައި ދައުވާ ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު