މޯލްޑިވްސް އިމިގްރޭޝަންގެ ސީނިއާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައި ހިޔާލު ތަފާތުވާ މުވައްޒަފުންނާ މެދު ޒާތީވަމުން އަންނަ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ދޮގު ކުރައްވައިފިއެވެ.
އިމިގްރޭޝަންގެ އޮފިޝަލުންތަކަކާ ހަވާލާދީ މީޑިއާއެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ހަނަފީ ގެންދަވަނީ މުވައްޒަފުން މަސައްކަތްކުރާ ތަން، އެއްވެސް އެއްޗެއް ނާންގައި ކުއްލިގޮތަކަށް ބަދަލުކުރަމުންނެވެ. އެގޮތުން ތަނުގެ އެންމެ ސީނިއާ މުވައްޒަފުން ބައެއް ޒިންމާތަކުން ދުރުކޮށް، އަތޮޅުތެރޭގެ ބައެއް ޔުނިޓުތަކަށް ބަދަލުކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ހަނަފީ "ވަން" އަށް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވި އިރު، އިމިގްރޭޝަންގެ ހަ ވަރަކަށް ސެކްޝަން އެންމެ ބޭފުޅަކާ ހަވާލުކޮށްފައި ހުރުމުން ސެކްޝަންތަކުގެ މަސައްކަތްތައް އެކަށޭނެ މިންވަރަށް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ. އަދި އެ ސެކްޝަންތަކާ ހަވާލުވެ ހުންނަވާ ބޭފުޅަކު، އެތަންތަނުގެ ހާލަތު ބަލައިލަން ނުވަންނަތާ ދެ އަހަރެއްހައި ދުވަސް ވެދާނެ ކަމަށް ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ، އިމިގްރޭޝަންގައި އުޅޭ ކިޔަވައިގެން ތިބި ގާބިލު މުވައްޒަފުންނާ ހަމަ އެކަނި އިދާރީ ކަންކަން ހަވާލުކޮށްފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެކަށޭނެ މަސައްކަތް ނުކުރެވޭ މުވައްޒަފުން، އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައްވެސް އިސްތިސްނާ ނުވާނޭހެން، ފިޔަވަޅު އަޅައި، މަސައްކަތައް އަހުލުވެރި ގާބިލު މުވައްޒަފުންނާ ހަވާލުކޮށް، ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އިމިގްރޭޝަންގައި ތިބި ކިޔަވައިގެން ތިބި މުވައްޒަފުން އެބަ ތިބި ފަންސޫރު ގުނަން ޖައްސާފަ. މިކަމަކީ އެޗްއޯޑީންގެ މަގާމުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ހިތްހަމަނުޖެހިގެން ދައްކާ ވާހަކަތަކެއް. އެޗްއޯޑީންގެ ތެރޭގައި ތިއްބަވާ ތިން ވަރަކަށް ބޭފުޅުން މީޑިއާއެއްގައި ދައްކާފައި ހުރި ވާހަކަތަކެއް މިއީ،" ހަނަފީ ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ، އެޗްއޯޑީންގެ ތެރޭގައި ތިއްބަވާ ބޭފުޅުން ހިމެނޭ ގޮތަށް ބައެއް އިސް މުވައްޒަފުން ވަގުތީ ގޮތުން އަތޮޅުތެރެއަށް ފޮނުވަމުންދަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ކުރިއަރުވައި، އަތޮޅު ތެރެއިން ދެވޭ ހިދުމަތްތައް ވިލަރެސްކުރުމަށްޓަކައި ކަމަށެވެ. އެއީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިމިގްރޭޝަނަކީ ވަރަށް ބޮޑަށް ބޮންސުންލައި، ގޯހުން ގޯހަށް ކަންކަން އޮތް ތަނެއް ކަމަށާއި ކަންކަން ހައްލުކޮށް ރަނގަޅުކުރުމަށް ޓަކައި ބަދަލުތައް ގެންނަ އިރު ކޮންމެވެސް ބައެއްގެ ހިތްހަމަނުޖެހުންވެސް އަންނާނެ ކަމަށެވެ.
"އެއީ އެކަން ވާނެ ގޮތް، އެހެން ނަމަވެސް ޒަމާނުއްސުރެ މިތަނުގައި ހުރި މައްސަލަތައް ހައްލުކޮށް ރައްޔިތުން ބަލައިގަންނަ ސާފު ހިދުމަތެއް ދޭން އެބަ ޖެހޭ. ލާމަރުކަޒީ ނިޒާމުގެ ދަށުން ގެންނާން ޖެހޭ ހެޔޮ ބަދަލުތައް ވެސް ގެންނާން ޖެހޭ. އެކަންކަން ކުރުމަކީ އަޅުގަނޑު ކުރާނެ ކަމެއް." ހަނަފީ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު