އދ. ދަނގެތީގައި މިދިޔަ މަހު އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު އެރަށު ވިޔަފާވެރިޔާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައި ހުރި ސާލިމް މިއާ ޖަލުގެ ފާހާނަ ތެރެއަށް ވެއްޓި އަތް ބިނދިއްޖެ އެވެ.
ވިޔަފާރިވެރިޔާ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އެ ރަށު ނެދުންގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެންގޮސްފައި ހުންނަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ސާލިމް ފާހާނާގައި އުޅެނިކޮށް ލިބުނު އަނިޔާއަކަށް މިމަހުގެ ހަތް ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިތުބާރު ހުރި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ބުނީ ސާލިމް އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ އީއެންޓީ ވޯޑުގައި ދެތިން ދުވަސްވަންދެން ފަރުވާ ދިން ކަމަށެވެ. އަދި އޭނާގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި ގައިގެ އެތަން މިތަނުގައި ރިއްސާ ކަމަށް އޭނާ ބުނާ ކަމަށްވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
މި ކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި މިހާތަނަކަށް ނުލިބެ އެވެ.
މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މަހުމޫދު މަރާލި ކަމަށް ތުހުމަތު ކުރެވެނީ ހަމައެކަނި ސާލިމުގެ މައްޗަށް ކަމަށެވެ. އެ މައްސަލައިގައި ސާލިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ ކަމަށާއި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުން ހުރި އިތުރު ހެކިތަކެއް ވަޅުލާފައި ހުއްޓާ ހޯދި ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު