މުނިފޫހިފިލުވުން

ކަޓްރީނާ އަދި ވިކީގެ ކައިވެނި އަންނަ މަހު، ދައުވަތު ލިސްޓުގައި ސަލްމާން ހާންގެ ނަމެއް ނެތް!

ބޮލީވުޑްގެ ޖޯޑު ކަޓްރިނާ ކައިފް އަދި ވިކީ ކޯޝަލްގެ ކައިވެނި އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ކުރުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

މި ދެ ތަރިން ކައިވެނި ކުރަން ހަމަޖެހިފައިވާ ތާރީހާއި، ހަފުލާ ބޭއްވުމަށް ކަނޑައަޅާފައިވާ ތަނުން ފެށިގެން ދައުވަތު ލިސްޓާއި ހަމައަށް އިންޑިއާގެ މީޑިއާތަކުން ހާމަކުރަމުން އައިސްފައިވީ ނަމަވެސް ކަޓްރީނާ އަދި ވިކީގެ ފަރާތުން މިއިން އެއްވެސް ކަމެއް މިހައިތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހަބަރުތައް ބުނީ ވިކީ އަދި ކަޓްރިނާގެ ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާޖަސްތާނުގެ ސިކްސް ސެންސް ފޯޓް ހޮޓެލްގައި ކަމަށާއި ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ދާނީ ޑިސެމްބަރުމަހުގެ 7-12 ވަނަ ދުވަހާއި ހަމައަށެވެ.

ލިސްޓަށް ބަލާއިރު އިންޑިއާ ޓުޑޭ އިން ރިޕޯޓު ކުރާ ގޮތުގައި މި ދެތަރިންގެ ކައިވެންޏަށް ސަލްމާން ހާން ދާނެ ކަމަކަށް ނުބެލެވެއެވެ. ސަލްމާން ހާން އަދި ކަޓްރީނާ ކައިފް މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެފައިވީ ނަމަވެސް ދެމީހުންނަކީ ރަހުމަތްތެރިކަން ދަމަހައްޓަމުން އަންނަ ދެ ތަރިންނެވެ.

ކަޓްރިނާ އަދި ވިކީގެ ކައިވެނީގެ ދައުވަތު ލިސްޓުގައި ބޮލީވުޑްގެ ގިނަ ތަރީންގެ ނަންތައް ހިމެނުނު ނަމަވެސް، އެ ލިސްޓުގައި ސަލްމާންގެ ނަން ނުހިމެނޭ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.