އާސަންދައިން ބޭސްފަރުވާ ކޮށްދިނުމަށް އިންޑިއާގެ އިތުރު ދެ ހޮސްޕިޓަލަކާ އެކު ސަރުކާރުން ސޮއިކޮށްފި އެވެ.
ސަރުކާރުން އަލަށް ސޮއިކޮށްފައިވަނީ، ޗެންނާއީގައި ހުންނަ ޑރ. ރެލާ އިންސްޓިޓިއުޓް އެންޑް މެޑިކަލް ސެންޓަރުގެ އިތުރުން ރެއިންބޯ ޗިލްޑްރަންސް މެޑިކެއާ ހޮސްޕިޓަލާ އެކުގައެވެ.
ރެލާ އިންސްޓިޓިއުޓާއެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހު ކަމަށާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ރެއިންބޯ ޗިލްޑްރަންސް މެޑިކެއާ ހޮސްޕިޓަލާއެކު ސޮއިކޮށްފައިވަނީ މިިދިޔަ މަހުގެ 17 ގައި ކަމަށް އާސަންދައިން ބުނެ އެވެ.
އާސަންދަ އިންޝުއަރެންސް ސްކީމުގެ ދަށުން މިހާރުވެސް ބޭރުގެ 45 ހޮސްޕިޓަލަކުން ބޭސްފަރުވާ ކުރެވެއެވެ.
ދައުލަތުން އަންނަނީ ކޮންމެ އަަހަރަކުވެސް އާސަންދަ އިންޝުއަރެންސް ސްކީމަށް ބޮޑު ހަރަދެއް ކުރަމުންނެވެ. އެގޮތުން މިއަހަރު އެ ސްކީމަށް 717 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 731 މިލިއަން ރުފިޔާ އާސަންދަ ސްކީމަށް ހިމަނާފައިވެއެވެ.
އާސަންދައިން ބޭސްފަރުވާ ކުރުމަށް އިންޑިއާގެ އިތުރު ދެ ހޮސްޕިޓަލަކާއެކު އެއްބަސްވެފައިވާއިރު، އެކުންފުނިން އަންނަނީ އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ކުރެވޭ ހޮސްޕިޓަލްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އާސަންދައިން ބުނެއެވެ.