ދިވެހި ޕްރިމިއާ ލީގުގެ ކްލަބު ސުޕަ ޔުނައިޓެޑް (ސަސް)ގެ ކޯޗުކަމުގެ މަގާމަށް އިސްމާއީލް މަހުފޫޒް (އިންމަ) ހަމަޖައްސައިފިއެވެ.
އިންމަ ސަސްއަށް ސޮއި ކުރީ ކުރިއަށް އޮތް ސީޒަނަށެވެ.
ސަސް އިން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށީ ކޯޗު އަހުމަދު ނާޝިދު (ނާދު)އާ އެކުގައެވެ. ސީޒަންގެ ކުރީކޮޅުގައި ސަސްއިން ނާދުއާ އެކު އެއްބަސްވުން އުވާލައި، ޓީމުގެ ކޯޗުކަން ދިނީ މުހައްމަދު ޝިޔާޒް (މޯހަން) އަށެވެ. ސަސްއިން މިދިޔަ މަހުގެ ތެރޭގައި މޯހަންއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ އިރު، މޯހަން އަންނަ ސީޒަންގައި ފެންނާނީ މާޒިޔާގެ ބެންޗުންނެވެ.
އިންމައަކީ 2006 ވަނަ އަހަރު މާޒިޔާ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ޓީމުގެ ކޯޗެވެ. އެ ކްލަބު ރަނގަޅު، ސްޓޭބަލް ގޮތެއްގައި ފުރަތަމަ ޑިވިޝަނަށް ފައްކާ ކުރުމަށް އިންމަ މުހިއްމު ދައުރެއް އަދާކޮށްފައި ވާއިރު، 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އިންމަ ވަނީ މާޒިޔާއާއެކު ހޯދައިފައެވެ. ފަހުން އިންމަ ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކަކު މަސައްކަތްކޮށްފަ އެވެ.
އިންމަ 2019 ވަނަ އަހަރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކޯޗުކަން ކޮށްދިނުމުގެ ކުރިން އޭނާ ވަނީ މާޒިޔާ އަށްވެސް ކޯޗުކޮށްދީފައެވެ. އެއީ 2017 ވަނަ އަހަރުގެ ސީޒަނުގެ ފަހު ކޮޅުގައި އެ ޓީމާ ހަވާލުވި ގޮތަށް 2018 ވަނަ އަހަރުގެ ސީޒަން ނިމެންދެންނެވެ.
ސަސްއިން މިދިޔަ ސީޒަންގެ ލީގުގައި ކުޅުނު ދެ ބުރު ނިންމާލީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ. އެޓީމުން ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ހޯދާފައިވާއިރު، ލީގުގައި މޮޅުވީ ތިން މެޗުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު