މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި މިރޭ ސީޝެލްސްއިން ސްރީ ލަންކާ ކައިރީ ހޯދި މޮޅާއެކު އެޓީމުން ފައިނަލަށް ފުރުސަތު ފަހިކޮށްފިއެވެ.

ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ސީޝެލްސް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ލީގު ބުރުގައި މިހާތަނަށް ސީޝެލްސް އިން ކުޅުނު ދެ މެޗުން އެޓީމަށް ހަތަރު ޕޮއިންޓު ވަނީ ލިބިފައެވެ. މިވަގުތު އެއް ވަނައިގައި އޮތް ބަންގްލަދޭޝާއި ދެވަނައިގައި އޮތް ސީޝެލްސްއަށްވެސް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، ބަންގުލަދޭޝްއަށް އެއްވަނަ ލިބެނީ ޖެހި ގޯލުންނެވެ. ތިން ވަނައިގައި އޮތް ރާއްޖެއާއި ހަތަރު ވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފައެވެ.

މިރޭގެ މެޗު ފެށިގެން ސީޝެލްސް ފެނުނީ ކޮންފިޑެންސްގައި ކުޅުނު ތަނެވެ. އެޓީމުން އެޓޭކަށް ނުކުމެ، ލަންކާގެ ގޯލަށް ނުރައްކާވެސް ކުރިއެވެ. އެ ނުރައްކާތަކުގެ ތެރެއިން ސީޝެލްސްއަށް ޕެނަލްޓީއަށްވެސް ފުރަތަމަ ހާފުގައި ލިބުނެވެ. ލަންކާގެ ޑިފެންޑަރު އަސީކުއްރަހްމާން އަތުގައި ބޯޅަ ޖެހުމުން ސީޝެލްސްއަށް ލިބުނު ޕެނަލްޓީ، އެޓީމުގެ ކެޕްޓަން ސްޓީވް ބެނޮއިޓް ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.

އޭގެ އިތުރުން ސްޓެފަން ހިއުގް ފުރަތަމަ ހާފުގައި ޖެހި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް ބޯޅަ އަމާޒުވެފައިވާ އިރު، އޭގެ ފަހުން ސީޝެލްސްގެ ފޯވާޑް ޔީވެސް ޕެރީ އާނެސްޓާ ޖެހި ބޯޅަ ލަންކާގެ ގޯލްކީޕަރު އަދި ކެޕްޓަން ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހު ހާފުގައިވެސް ސީޝެލްސްއިން ވަނީ ފުރަތަމަ ހާފުގެ ފޯމު ދަމަހައްޓައިފައެވެ. ލަންކާގެ ހަލުވި އެޓޭކް ހިފަހައްޓަމުން އެޓީމުން ކައުންޓާގައި ލަންކާއަށް ނުރައްކާ ކުރިއިރު، މެޗުގެ 68 ވަނަ މިނިޓުގައި ލީޑުވެސް ނެގިއެވެ. ކޯނަރަކުން ޔޯސިފް ރަވީނިއާ ނެގި ބޯޅަ ވަރެން މެލީ ވަނީ ގޯލަށް ފޮނުވާލީ ބޮލުންނެވެ.

މެޗުގެ ފަހު ކޮޅުގައި ލަންކާއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއިރު، އެޓީމުގެ ފޯވަޑް ކަވިންދޫ އިޝާންއާއި ޑިލޮން ޑަ ސިލްވާއަށް ލިބުނު ފުރުސަތައް ވަނީ ބޭކާރުވެފައެވެ.

އަންގާރަ ދުވަހު މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭނީ ސީޝެލްސްއާއި ރާއްޖެއެވެ. ދެ ވަނަ މެޗުގައި އެރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާއެވެ. ބަންގްލަދޭޝާއި ސީޝެލްސްއަށް އެ މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެއާއި ލަންކާއަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓު އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ގޯލުގެ ތަފާތަށެވެ.