މުނިފޫހިފިލުވުން

އަލުން އެކްޓް ކުރަން ނުފަށައި ހުރި ސަބަބުތައް އަނުޝްކާ ކިޔައިދީފި

ބޮލީވުޑް ތަރި އަނުޝްކާ ޝަރްމާ އަދި ކްރިކެޓް ތަރި ވިރާތު ކޯލީއަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ޖެނުއަރީމަހުގަ އެވެ. ވަރަށް ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ވަނީ އޭނާ އަލުން އެކްޓިން އަށް ނުނުކުމެ ހުރި ސަބަބު ކިޔައިދީފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގެ ފިލްމު ''ޒީރޯ'' އިންނެވެ.

ގްރާޒިއާ ކިޔާ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނެފައިވަނީ ވިހެއުމަށްފަހު ކަންކަމާ މެދު ވިސްނުމަށް ވަގުތު ބޭނުންވާ ކަމަށާއި އަދި މަސައްކަތަށް އަލުން އެނބުރި ނުކުންނައިރު ވިސްނުންތެރިކަމާއެކު ރޯލުތައް ހިޔާރު ކުރުން ވެސް މުހިއްމު ކަމަށެވެ.

މި އިންޓަވިއުގައި އަނުޝްކާ ބުނެފައިވަނީ ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދެވޭ މިފަދަ ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް އިސްކަން ދޭން ވަގުތު ބޭނުން ވާ ކަމަށެވެ.

އެނބުރި މަސައްކަތަށް ނުކުތުމާ ގުޅޭ ގޮތުން އަނުޝްކާ ބުނެފައިވަނީ އިންޑަސްޓްރީގައި މީހާގެ ކާމިޔާބީ ކަށަވަރު ކުރެވެނީ އެމީހެއްގެ ބިޒީ ޝެޑިއުލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ހިޔާރު ކުރާ މޮޅެތި ރޯލުތަކުން ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މި ދާއިރާގައި އަބަދުވެސް އަންހެނުންގެ ސިފައަށާއި ހަށިގަނޑަށް ފާޑުކިޔުންތައް އަމާޒުވާ ކަމަށާއި އެގޮތުން ވިހެއުމަށްފަހު އެނބުރި ނުކުންނަން ވިސްނާއިރު މިކަމަށް ސިކުނޑި ހާނަން ޖެހެއެވެ. އޭނާއަކީވެސް ބަނޑުބޮޑުވުމުގެ ކުރިންނާއި ވިހެއުމުގެ ކުރިން އަމިއްލަ ހަށިގަނޑަށް ފަރުވާތެރިވަމުން އައި މީހަކަށް ވެފައި ވިހެއުމަށްފަހު އައި ބަދަލުގެ ސަބަބުން ޕޮޒިޓިވް ކޮށް ވިސްނަން ވަގުތު ބޭނުންވާ ކަން ފާހަގަކުރިއެވެ.

އަނުޝްކާ ގެ މި އިންޓަވިއުގައި ވަނީ ޕެންޑެމިކުގެ ތެރޭގައި އަލަތު ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ކުރިމަތިލާން ޖެހުނު ކަންކަމުގެ ވާހަކަތައް ވެސް ހިއްސާ ކޮށްފައެވެ. އެހުރިހާ ކަމެއްގައިވެސް ވިރާތުގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުން ފާހަގަކޮށް ޕެންޑެމިކުގެ ތެރޭގައި އެކަކު އަނެކަކަށް ފުރިހަމައަށް ވަގުތު ދެވި ހެޔޮކޮށް ވިސްނުމަށް ފުރުސަތު ލިބިގެން ދިޔަކަން އަނުޝްކާ ވަނީ ފާހަގަކޮށްފައެވެ.