މަޝްހޫރު ލަވަކިޔުންތެރިޔާ މަޑޯނާގެ ހަޔާތުގެ މައްޗަށް އޭނާ އަމިއްލައަށް ޑައިރެކްޓުކުރަން ނިންމާފައިވާ ބަޔޮޕިކް ފިލްމު، ޔުނިވާސަލް ޕިކްޗާސްއިން ކެންސަލްކޮށްފިއެވެ. މި ފިލްމުގެ މަސައްކަތް ހުއްޓާލާފައިވަނީ ބަޖެޓާއި ފިލްމުގެ ކްރިއޭޓިވް ކޮންޓްރޯލާ މެދު މަޑޯނާއާއި ސްޓޫޑިއޯގެ އިސްވެރިންނާ ދެމެދު އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ.
މި މަހު “އިންޓަވިއު މެގަޒިން” އަށް ދިން އިންޓަވިއުއެއްގައި މަޑޯނާ ބުނި ގޮތުގައި، އޭނާގެ ހަޔާތުގެ ވާހަކަ ފުރިހަމައަށް ކިޔައިދިނުމަށް ބޮޑު ބަޖެޓެއް ބޭނުންވެއެވެ. އޭނާއަކީ އާދަޔާ ހިލާފު ބޮޑު ދިރިއުޅުމެއް އުޅެފައިވާ މީހެއް ކަމަށާއި، އެހެންކަމުން ފިލްމަށް ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޔުނިވާސަލް ސްޓޫޑިއޯއިން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ސާބިއާގައި ފިލްމު ޝޫޓުކުރުމަށް މަޑޯނާ ހުށަހެޅި ނަމަވެސް، އެކަން ކުރެވޭނެ ކަމާމެދު ސްޓޫޑިއޯއިން ޝައްކު އުފެއްދި ކަމަށް އޭނާ ބުންޏެވެ. ރިޕޯޓުތައް ބުނާ ގޮތުން، ޔުނިވާސަލްއިން ބޭނުންވީ ލުއި އަދި ޕޮޕް ސްޓައިލެއްގެ ފިލްމެއް ހެދުމަށެވެ. ނަމަވެސް މަޑޯނާ ބޭނުންވީ އޭނާގެ ހަޔާތުގެ ހަގީގީ، އަނދިރި ފަރާތްތައް ވެސް ދައްކުވައިދޭ ފިލްމެއް އުފެއްދުމަށެވެ.
މި ފިލްމުގައި މަޑޯނާގެ ރޯލު ކުޅުމަށް ހަމަޖެހިފައި އޮތީ ބަތަލާ ޖޫލިއާ ގާނާއެވެ. ނަމަވެސް ސްކްރިޕްޓާ މެދު އެއްބަސްވުމަކަށް ނާދެވި، ފިލްމުގެ މަސައްކަތް ދިގުލައިގެން ދިއުމަށްފަހު، މިހާރު ވަނީ އެއްކޮށް ހުއްޓިފައެވެ. ފިލްމު ކެންސަލްވުމާ ގުޅިގެން، ނެޓްފްލިކްސްއާ ގުޅިގެން ލިމިޓެޑް ސީރީޒެއް އުފެއްދުމަށް މަޑޯނާ މަސައްކަތްކުރިއެވެ. ނަމަވެސް ޔުނިވާސަލްއިން ސްކްރިޕްޓް ގަންނަން ޖެހޭ އަގު ބޮޑުވުމުގެ ސަބަބުން އެ މަސައްކަތް ވެސް ވަނީ މަޑުޖެހިފައެވެ. މިހާރު މަޑޯނާގެ މުޅި ސަމާލުކަން ހުރީ އަންނަ ޖުލައި މަހު ނެރުމަށް ހަމަޖެހިފައިވާ އޭނާގެ އާ އަލްބަމް “ކޮންފެޝަންސް ޓޫ” އަށެވެ.
ރިޕޯޓް
ދަނޑުވެރިން
ހެލްތު މިނިސްޓަރު ގީލާ އަލީ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް