ކޮލަމް

ކޮޕީ ރަޝީދު: އެފަދަ ދެވަނަ ކޮޕީއެއް ނެތް، ދިވެހި އަދަބުން އެގެއްލުނީ އަލިގަދަ ތަރިއެއް

ފަތުޙުﷲ ޞާލިޙް

ޅެންވެރީންގެ ބަހާރުގެ ބައެއް މަސައްކަތްތަކާއި ދަތުރުތަކާއި ދިވެހި ބަހުގެ އެކެޑަމީގެ ބައެއް މަސައްކަތްތަކާއި ދަތުރުތައް މއ. ކޮޕީގެ، މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) އާއެކު ކުރުމުގެ ނަސީބު ލިބުނެވެ. ނަސީބެކޭ މި ދެންނެވީ އެއީ ހަމަ ބޮޑު ނަސީބެއް ކަމުގައި އަޅުގަނޑު ދެކޭތީއެވެ.

ކޮޕީ ރަޝީދުގެ ވަރަށް އަރިހުގައި މަސައްކަތް ކުޅައުމުގެ ފުރުސަތު ލިބުނެވެ. އަޅުގަނޑަށް ކޮޕީ ރަޝީދު ފެނިފައިވަނީ އެފަދަ ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައެވެ. އެކިއެކި ކަންކަމަށް ޚިޔާލު ދެއްވުމާއި ހައްލު ހޯއްދަވައި ދެއްވުމުގައި އެއީ މުއްސަނދި ފުން ކަނޑެކެވެ. އުފެއްދުންތެރިކަމުގައި ފުދުންތެރި ކުޅަދާނަ ސިކުނޑިއެއްގެ ވެރި ބޭފުޅެކެވެ. ތަމްސީލުގެ ފަންނުގައި ކޮޕީއަކީ ތަމްސީލު ލިޔުއްވުމާއި ކުޅުއްވުމުގައި ވެސް އަލިގަދަ ތަރިއެކެވެ. ޢުމުރުގެ ތަފާތު ބޮޑު ކަމާއެކުވެސް އޮލިމްޕަހުގެ މަޝްހޫރު ތަމްސީލު ޒަމާނުގެ ހުނަރުވެރި ކުޅަދާނަ އެ މުމައްސިލާއެކު ތަމްސީލު ކުޅުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު އެންމެ އުފާވާ، އެންމެ ބޮޑު އެއް ޝަރަފު ކަމުގައި އަޅުގަނޑު ދެކެމެވެ.

ޅެން ބަހުރުވައިން ތަމްސީލު އުފެއްދެވުމުގައި ކޮޕީ ރަޝީދުގެ ހުނަރު ހަމަ ލޮލުން ދެކެ އެ ތަމްސީލުތައް ކުޅުމުގެ ނަސީބުވެސް ލިބުނެވެ.

ކޮޕީއަކީ ހިތްތިރި ކަމުގައި ވެސް ނަމޫނާ ބޭފުޅެކެވެ. ކޮޕީއާއެކު ރާއްޖެތެރޭގެ ބައެއް ރަށްރަށަށާއި ރާއްޖޭން ބޭރަށްވެސް ދަތުރުތައް ކުރެވުނެވެ. ބައެއް ފަހަރު ބައިވެރީންގެ ތެރޭގައި ބައްސެރި ވާ ފަހަރުވެސް އާދެއެވެ. އެ ފަދަ ވަގުތަކު ދުވަހަކުވެސް ކޮޕީ އިތުރަށް ވިއްދައި ބަހެއް ވިދާޅު ނުވާނެއެވެ. ހަނު އިންނަވާނީއެވެ. ޒުވާބެއް ނުވަތަ މާ ނުފާޑަށް މަޝްވަރާއެއް ދާ ނަމަވެސް އިޚްތިޔާރު ކުރައްވަނީ މަޑުމައިތިރި ކަމެވެ.

އަޅުގަނޑަށް ކޮޕީގެ ދެން އެންމެ ފާހަގަ ކުރެވުނު ކަމަކީ އޭނާގެ ސަމާސާ ކުރެއްވުމެވެ. ސަމާސާ ވާހަކަތައް ކިޔުއްވައި ދެއްވުމާއި ސަމާސާ ރާގުރާގު ލެއްވެވުން ފަދަ ކަންކަމުގައި ކޮޕީ ވަރެއް ނުދެކެމެވެ. އަބަދުވެސް ތަޖުރިބާ ކުރެއްވިފައިވާ މަޖާ ކަންކަން ހިއްސާ ކުރައްވައެވެ. ފެނިވަޑައިގެންފައިވާ ކަންކަމާއި އިވިވަޑައިގެންފައިވާ ކަންކަމުން އަބަދުވެސް އެހެން މީހުންގެ ފޫހި ފިލުއްވައި ދެއްވައެވެ.

ދުވަހަކު މީހަކާ ދެބަސް ވީތަނެއް ނުދެކެމެވެ. މީހަކަށް އަޑުލި އަޑެއް ނާހަމެވެ. ނެތް ތަނެއްގައިވެސް މީހަކަށް ބަހެއް ބުނުއްވި އަޑެއް ނާހަމެވެ. ބައެއް ދަތުރުތަކުގައި ކޮޕީ ފަދަ އިސް ބޭފުޅުންނަށް ކަންކަން ފަހިކޮށްދިނުމުގެ މެދުވެރިއެއްގެ ރޯލުވެސް އަޅުގަނޑު ކުޅުނީމެވެ. މިވެނި ކަމެއް ނުވެގެން އެވެނި ކަމެއް މަދުވެގެން އެވެނި އެއްޗެއް ނެތިގެން މާ ބޮޑު ޝަކުވާތަކެއް ނުކުރައްވައެވެ.

އަޅުގަނޑަށް ދަޢުވަތު ދެއްވައިގެން ކޮޕީގެ ގެއަށް ގެންދެވިއެވެ. ކުރައްވައިފައިވާ މަސައްކަތްތަކާއި ކުރައްވަމުން ގެންދެވި މަސައްކަތްތަކާއި ޚާއްޞަ ގޮތެއްގައި ލިޔުއްވައިފައި ހުރި ފޮތްތައް ދެއްކެވިއެވެ. ބައެއް ފޮތްތައް އަޅުގަނޑަށް ހަދިޔާ ކުރެއްވިއެވެ. ތަޖުރިބާތައް ޙިއްސާ ކުރެއްވިއެވެ. އަބަދުވެސް ހިތްވަރު ދެއްވައެވެ. ބުނެދެއްވައެވެ.

ދިވެހި އަދަބުން އެ ނިވުނީ އަލިގަދަ ތަރިއެކެވެ. ޤައުމަށް އެ ގެއްލުނީ ޤައުމީ ލޭ ހުރި ވަޠަނީ ދަރިއެކެވެ. އެތައް ރޮނގަކުން ޚިދުމަތް ކުރެއްވި ޚިދުމަތުގެ ރަންތާޖުގެ ވެރިއެކެވެ. ދިވެހި އަދަބިއްޔާތުގެ ކުޅަދާނަ އަދީބެކެވެ. އެ ދަރިއެއްގެ ޚިދުމަތުގެ އަލި ދުވަހަކު ފަނޑު ނުވާނޭ ގިނަ ޚިދުމަތްތަކެއް ދޫކުރައްވައިފައިވާ އަލިގަދަ ފަނާރެކެވެ.

މާތް ﷲ ކޮޕީ ރަޝީދުގެ ފާފަ ފުއްސަވައި ޖަންނަތުލް ފިރްދައުސުގައި ލައްވާށިއެވެ! ޢާއިލާޔަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން!