މުނިފޫހިފިލުވުން

ބިގްބޮސް 15: ކަރަން ކުންދުރާ އަދި ތެޖާސްވީ އެންމެފަހުން ލޯބީގެ ގުޅުމަކަށް

1

ކޮންމެ އަހަރަކުވެސް ކަލާސް ޓީވީން ދައްކަމުން އަންނަ ބިގްބޮސް އަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެކެވެ. ނަމަވެސް އެހެނިހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ސީޒަން އަށް ލިބޭ ތަރުހީބު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފައެވެ.

މި އަހަރުގެ ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ތެޖާސްވި ޕްރަކާޝް އަދި ކަރަން ކުންދުރާ އާ ދެމެދު ލޯބީގެ ކުޅިގަނޑެއް ފައްކާވަމުން އަންނަތަން ޝޯގެ ތެރެއިން ބެލުންތެރިންނަށް ވަނީ ދައްކަމުން އައިސްފައެވެ. މީގެ ކުރިން ތެޖާސްވީ އާ އަޅައިގަނެގެން އުޅޭކަން ކަރަން ހާމަކޮށްފައި ވީ ނަމަވެސް މިހާތަނަށް މިދެމީހުން އެކަކު އަނެކަކަށް ލޯބި ހުށަހަޅާފައެއް ނުވެއެވެ.

ނަމަވެސް މިފަހުން ދެއްކި އެޕިސޯޑުތަކުގައި އެކަން މިވަނީ ދެމީހުން ހާމަކޮށްފައެވެ. ތެޖާސްވީގެ ކަރުގައި ކަރަން ފަށެއް އަޅުވައި އެކަކު އަނެކަކަށް ލޯބި އިޒުހާރު ކޮށްފައިވާއިރު ދެމީހުން މާތައް ފޮޅުވަމުން އަންނަ އެޕިސޯޑުގައި ތެޖާސްވީ ވަނީ އޭނާވެސް ކަރަން އާ މެދު ދެކޭ ގޮތް ފާޅުކޮށްފައެވެ.

މިއަހަރުގެ ބިގްބޮސް ގޭތެރެއިން މީގެ ކުރިން އުފެދުނު ޖޯޑު ލެޝާން ސެހެގާލް އަދި މައީޝާ އަޔަރު ވަނީ ޝޯ އިން ކަޓައިގެން ގޮސްފައެވެ. އަދި ޝަމީތާ ޝެޓީ އާއި ރާކެޝް ބޯޕަޓްގެ ގުޅުން ބިގްބޮސް އޯޓީޓީ އިން ފެށިފައިވާއިރު، ރާކޭޝް ވަނީ ވަރަށް ފަހުން ބިގްބޮސް 15 އާ ގުޅިފައެވެ. ނަމަވެސް ރާކޭޝް ގެއަށް އެތެރެވުމަށްފަހު އޭނާ ވަނީ ޝޯއިން ވަކިވާން މަޖުބޫރު ވެފައެވެ. މެއަށް ތަދެއް އެރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރެވި ފަރުވާދޭން ޖެހުނުއިރު މިހާރު އޭނާގެ ހާލަތު ރަނގަޅުކަމުގައި ފަހުގެ ހަބަރުތައް ބުނެއެވެ. އަދި ވަރަށް އަވަހަށް ބިގްބޮސް 15 ގެ ބައިވެރިންނާ ގުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކަރަން އަދި ތެޖާސްވީގެ ގުޅުމާ ގުޅޭގޮތުން ބައެއް މީހުން ސިފަކުރަނީ އެ ގުޅުމަކީ ޝޯގެ ރޭޓިން ރަނގަޅުކުރަން ދެމީހުން ކުޅެމުން އަންނަ ކުޅިގަނޑެއް ގޮތުގައެވެ.

މިހާތަނަށް ބިގްބޮސް ގޭތެރެއިން ފައްކާކުރާ ލޯބީގެ ގުޅުންތަކަށް ލިބޭ ސަމާލުކަމުގެ ސަބަބުން ޝޯގެ ޓީއާރްޕީ މަތިވާއިރު މިކަމަށް ޓާގެޓު ކޮށްގެން މަގުބޫލުކަން ހޯދުމަށް ބައެއް ތަރިން ގުޅުންތައް އުފައްދައެވެ. މި ގުޅުމަކީވެސް އެއްވެސް ބުރަދަނެއް ހުރި ގުޅުމެއް ކަން އެނގޭނީ ހަމަ ޝޯ ނިމުމުންނެވެ. ކޮންމެ އަހަރެއްގެވެސް ބިގްބޮސް އިން މިކަހަލަ އެތައް ޖޯޑެއް ގުޅިގެން ނުކުމެފައިވާއިރު، އެގުޅުން ދަމަހައްޓާފައިވަނީ މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.