ޚަބަރު

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ

އަލީ ޔާމިން

މާލޭގެ މިސްކިތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހަޅަން ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހު ބީލަން ރަޖިސްޓްރީކޮށް މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ފެން ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓަށް އަގު ހުށަހަޅަން ޖެހެއެވެ.

ބީލަން ރަޖިސްޓްރީކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 ވާ ބުދަ ދުވަހުގެ ހެނދުނު 9:00އެވެ.

ސިޓީ ކައުންސިލުން ބުނީ، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.