ޚަބަރު

ކުދި އުޅަނދުތަކުގައި ރޭގަނޑު ދަތުރު ނުކުރަން އިލްތިމާސްކޮށްފި

މުހައްމަދު އިޝާން

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭ ސަރަހައްދުގެ ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެކަަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފައިވާތީ ރައްކާތެރިކަން ކުޑަ ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެދޭ ކަމަށެވެ. އަދި ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހުގައި ދަތުރުތައް ރޭވުމަށް ސަމާލުކަންދިނުމަށް އެދޭ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"ހާއްސަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފުން ބުންޏެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ. އަދި ފަޅުތެރެ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މެޓު އޮފީހުން މިއަދު ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލްގެ ހުޅަނގުދެކުނުގައި އުފެދުފައިވާ ކޮޅިގަނޑު ހުޅަނގުއުތުރަށް ޖެހި، މިއަދު އިންޑިއާގެ އައްސޭރި ފަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.