އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑު ފިލިޕީންސަށް ފޮނުވާލައިފިއެވެ.

އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރަމުން އައި އެ ނަރުސް މީހާ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށެވެ. އޭގެ އިރުގަނޑެއް ފަހުން އޭނާގެ ފިރިމީހާ، އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލައަށް ދަންޖެހި މަރުވީ ކަމަށް ބުނެއެވެ. ނަމަވެސް އެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

މަރުގެ މި މައްސަލައާ ގުޅިގެން ނަރުސް މީހާގެ ފިރިމީހާ ވަނީ ހައްޔަރުކޮށް ބަންދަށް ފުރަތަމަ ޖަހާފައިވަނީ 15 ދުވަހެވެ. އެ ފިރިހެން މީހާއަކީ އައިޖީއެމްއެޗް އިމަޖެންސީ ރޫމް (އީއާރު)ގައި މަސައްކަތްކުރާ ނަރުހެކެވެ. އަދި އެ ފިރިހެން މީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓައި އޭނާއާ ގުޅުންހުރި ތަންތަން ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ނަރުސް މީހާގެ ހަށިގަނޑު، އާއިލާއާ ހަވާލުކުރުމަށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ފިލިޕީންސަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކޯޓުން އިތުރު 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަރުސް މީހާ މަރުވި ގޮތް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިފައެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާއިންނެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެ ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވަނީ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށާއި އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖަރީސް" ތަކެއްގެ ސަބަބުން ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

  • ތޫނު އެއްޗަކުން ޖެހި ލިބޭ އަނިޔާ، މީގެ ތެރޭގައި ހަށިގަނޑުގެ ތެރެއަށް އެއްޗެއް ހެރުމުން ލިބޭ އަނިޔާ ނުހިމެނޭ
  • އަތުން ނުވަތަ ދަނޑިގަނޑަކުން ޖެހުމުން ލިބޭ އަނިޔާ
  • ބާރު މިނުގައި ގޮސް ފާރެއްގައި ޖެހުމުން ލިބޭ އަނިޔާ
  • ބޯޅަ އަކުން ޖެހުމުން ލިބޭ އަނިޔާ