ޚަބަރު

ތިލަފުށީ ބިންތައް ގަވައިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ

އައިޝަތު ނިއުޝާ

ކ ތިލަފުށީ ބިންތައް ގަވައިދާ ހިލާފަށް ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ތިލަފުށްޓަކީ މި ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރަމުން އަންނަ، އަދި ގްރޭޓާ މާލޭ އޭރިއާގެ ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ، ތަފާތު އެތައް ވިޔާފާރިއެއް ހިންގާ ރަށެއް ކަމަށެވެ. އެހެން ކަމުން މުޅި ރަށުގެ ބިން ވަނީ، އެކި ވިޔަފާރިތަކަށް ކުލީ ބިމުގެ ގޮތުގައި ދޫކޮށްފައި ކަމަށެވެ. އަދި މި ބިންތަކަކީ އެ ތަންތާނުގައި ވިޔަފާރިކޮށް، އެ ވިޔަފާރިތައް ފުޅާކޮށް އެންމެހައި ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދީ ރާއްޖޭގެ އިގުތިސޯދަށް އަދި ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނައުމަށް ޓަކައި މާލޭ އޭރިއާގައި ހިންގާ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ރަށެއް ކަމަށެވެ.

އެހެންކަމުން އެ ކޯޕަރޭޝަނުން އަންނަނީ ތިލަފުށީގައި ހިންގަމުން އަންނަ އެކިއެކި ސިނާއީ މަސައްކަތްތަކަށް އެންމެ ފަހި ފުރުސަތުތަކަށް މަގުފަހި ކުރުމުގެ ގޮތުން، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އެންމެންގެ މަސްލަހަތަށް ޓަކައި ހިފަހައްޓަން ޖެހޭ ބައެއް ކަންތައްތައް ހިފަހައްޓަމުން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ، އެގޮތަށް އަމަލުކުރަން ޖެހެނީ، ތިލަފުށިން އެކި ބޭނުންތަކަށް (ވަގުތީ އަދި ދާއިމީ ނަމަވެސް) ބިން ދޫކުރަނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމަށް ވާތީ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ދެފަރާތުންވެސް އަމަލުކުރަން ޖެހޭ، އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކެއް ހިމަނާފައި ވާނެ ކަމަށެވެ. އެހެން ކަމުން އެއްބަސްވުމާ ހިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާތިލުކުރާނެ ކަމަށްވެސް މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެއްބަސްވުމާ ހިލާފަށް އެކިއެކި ކަންކަން ކުރަމުންގެންދާތީ، އެކަންކަން އެގޮތަށް ނުކުރުމަށް އެ ކޯޕަރޭޝަނުން ތަކުރާރުކޮށް އަންގާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުންގެންދާތީ، އާންމު މަސްލަހަތު ގެއްލި، އެއް ފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއް ފަރާތްތަކުގެ މަސައްކަތަށް ގެއްލުން ވެ، ނުވަތަ ދަތިވާ ފަދަ އަމަލުތައްވެސް އޭގެތެރޭގައި ހިމެނޭތީ، އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އެ ކޯޕަރޭޝަނުން އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.