މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ، ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ބައިވެރިވި ކަމަށެވެ.

އެގޮތުން ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމުތައް ހިންގުމަށް ދުވުމުގެ ބައިވެރިން 80،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށާއި މި އެހީގައި ޑެފް އެސޯސިއޭޝަނުން ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާ އިރު، ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއަރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" އަލުން ފަށައި، މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން،" ޓިމް ވިދާޅުވިއެވެ.

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.