ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ މަސައްކަތްތެރީންނަށް ހައްގު ލިއްބައިދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިގުތިސޯދީ އިންޖީނުގެ އެންމެ މުހިއްމު ސޯބުތައް ގުޅި ލާމެހެނީ ވިޔަފާރި އާއި މަސައްކަތްތެރިންނާ ކަމަށެވެ. އުފާވެރި، ވިޔަވަތި، ތާހިރު ދިރިއުޅުމަކަށްޓަކައި އެމީހަކު ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބުމަށްވުރެ ބޮޑުކަމެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ޒަމާނުއްސުރެ ނުވެ އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޖުމްހޫރީ ދުވަސް ގެނެސްދޭ އެންމެ ބޮޑު ހަދިޔާއަކީ އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ސަރުކާރުން ކަނޑައެޅި އެޅުން. މަސައްކަތްތެރިއަކަށް ދޭންޖެހޭ އެންމެ ބޮޑު ހައްގަކީ އޭނާއަށް ހައްގު އުޖޫރަ. ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ މަސައްކަތްތެރީންނަށް ހައްގު ލިއްބައިދީގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިމަމް ވޭޖް ތަންފީޒުވުމުން އޭގެ ހެޔޮ ބަދަލު ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ ކަމަށާއި އެންމެ ބޮޑު ބަދަލެއް ނުވަތަ ރަނގަޅެއް ފެނިގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިނިމަމް ވޭޖްގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރެވިފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހު ކަމަށެވެ. އަދި މަސައްކަތްތެރީންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެމްބަރުންގެ އެތަކެއް މަޝްވަރާ އާއި ހުށަހެޅުންތައް ހުރި ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަހަތާއި ހައްގުތަކަށް ސަރުކާރުން ވިސްނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު ވިޔަފާރިތައް ފުނޑި ބަނގުރޫޓުވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނިން. އޭގެ މައްޗަށް ބިނާކޮށް، މިހާރު މިވަނީ ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅާފައި. މިއީ ދިވެހި ތާރީހުގައި މަސައްކަތްތެރިންނަށްޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ. މީގެ ސަބަބުން ވަޒީފާތަކަށް ގާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާއި ނަފާވެރިކަން އިތުރުވުމަށް މި ސިޔާސަތު ބާރުއަޅާނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖުގެ ދަށުން ކުދި ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.
ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރުގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.