އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާ އާއި އަނިޔާގެ މައްސަލަތައް ވަޅުލެވި ހިނދިގެން ދާދިއުމަށް މިހާރު ނިމުން އަންނަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އަންނަ އަހަރު އިޖުތިމާއީ ދާއިރާއަށް ބަޖެޓުގައި ހާއްސަ އިސްކަމެއް ދެވިފައިވާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ބަޖެޓުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަފުސާނީ ބަލިތަކަށް އާންމުން ހޭލެވެން ފެށިއިރު އެކަމަށް ފަރުވާ ހޯދުން އޮތީ ވަރަށް ބޮޑު ދަތިވެފައި ކަމަށާއި އައިޖީއެމްއެޗުން އެޕޮއިންޓްމެންޓެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް ކުރަން ޖެހޭ އިންތިޒާރު ދިގު ކަމަށެވެ. އަދި މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމުތައް އަންނަ އަހަރު ފެށޭނެ ކަމަށާއި ޓާޝަރީ ހޮސްޕިޓަލުތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްގީ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާ އާއި އަނިޔާގެ މައްސަލަ މީގެކުރިން ވަޅުލެވި ހިނދިގެން ދާދިއުމަށް މިހާރު ހުއްޓުން އަރަން ފަށައިފި. ހޭލުންތެރިކަން އިތުރުވެ މައްސަލަތައް ފެންމަތިކޮށް، ރިޕޯޓު ކުރުމުގެ ހިތްވަރާއި އާދަ ދަނީ އަށަގަންނަމުން، ކުރިއަށްއޮތް ތަނުގައި މިފަދަ އިޖުތިމާއީ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ވަރަށް ބޮޑަށް އަވަސްކުރަން ޖެހޭ ކަމަށާއި އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އަނެއް ކަމަކީ އެއީ ކަމަށެވެ. އަދި ހިދުމަތްތައް އެކުވެނި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށާއި ދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަ އަހަރަށް ވަރަށް ބޮޑު އިސްކަމެއްދީގެން ބަޖެޓުކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.