ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރާއްޖެއިން ބޭރުން ހޯއްދެވި ފަރުވާތަކާއި ރާއްޖެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން 2.4 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ނަޝީދު ހުންނެވީ ހައި ސެކިއުރިޓީގައި ހޮޓެލް ޖެންގައެވެ.

ފިނޭންސް މިނިސްޓްރީން "ވަން" އާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު ހޮޓެލް ޖެންގައި ނަޝީދު ހުންނެވި 21 ދުވަހަށް ދައުލަތުން 698،168 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން އެއީ ދުވާލަކަށް ބަލާ ނަމަ 33،246 ރުފިޔާއެވެ.

ފިނޭންސުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން ރައީސް ނަޝީދު ހޯއްދެވި ސިއްހީ ފަރުވާއަށް ދައުލަތުން ޖުމުލަ 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެގޮތުން އިނގިރޭސިވިލާތުން ރައީސް ނަޝީދު ހޯއްދެވި ސިއްހީ ފަރުވާއަށް ހަރަދުކޮށްފައިވަނީ 1.5 މިލިއަން ރުފިޔާއެވެ. އަދި ޖަރުމަންވިލާތުން ހޯއްދެވި ފަރުވާއަށް ހަރަދުކޮށްފައިވަނީ 164،601 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ދަތުރުފަތުރަށް ކުރި ހަރަދު ހިމަނައިފައެއް ނުވެއެވެ.

ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށްފަހު ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑަށް ވަޑައިގެންނެވި ފަހުން އަދި އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.