ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ބީއެމްއެލް ސްކޮލާޝިޕް ފަންޑު" ތައާރަފުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، މިއީ އަންނަ އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތް ކަމަށާއި މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ތައާރަފު ކުރި ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ތިން ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެހެން މި ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ހުޅުވާލާ ފަންޑެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލް އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ 40 ވަނަ އަހަރު ފާހަގަކުރާ އިރު، އެއީ ބޭންކަށް ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާނެ ކަމަށާއި އެ ދުވަހަށް މަރުހަބާ ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ މަހަކުވެސް ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރަނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގުބަލަށް އިންވެސްޓް ކުރެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް،" އޭނާ ވިދާޅުވިއެވެ.
ޓިމް ސޯޔާ ވިދާޅުވީ މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓްކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ކޮޕް ސަމިޓުގައި މަޝްވަރާ ކުރި ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނައި، ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިސްކަންދޭނެ ކަމަށެވެ. އަދި ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓުގައި ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު