ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ، އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.

އިތުރުކުރި އެ އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް، ރާއްޖެއަށް އިމްޕޯޓުކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ރައީސް ކަނޑައަޅާ އެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު އޮތުމާއެކު އެ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ކަނޑައަޅަންވާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ރައީސް އެ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ އިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައެޅުމާއި އަދި އެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތް ކުރަންވީ ކަންކަމާއި އިސްލާހުގައި ހުރި ބަސްތަކުގެ މާނަކުރުންތައްވެސް ހިމަނާފައިވެއެވެ.