އައްޑޫ ސިޓީއާއި ހދ. ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ ގޮފިތައް އުވާލައި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން ހަތަރު ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ފަރާތުން ވަނީ ރައީސް އޮފީހަށް ހުށަހަޅައިފައެވެ. އެ ހަތަރު ބިލަކީ ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލެވެ.
އެ ބިލުތަކުގެ ތަފުސީލުތައް ހިއްސާކުރަމުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހުތައް ގެނައުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށެވެ.
ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ ސ. ހުޅުމީދޫގައެވެ. އުތުރުގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގައެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައި ވަނީ ޑިސެމްބަރު 16، 2015 ވަނަ ދުހުން ފެށިގެންނެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތަކެވެ.
ހައިކޯޓުގެ އުތުރުގޮފި ހުޅުވީ އޮކްޓޯބަރު 22، 2018 ގައެވެ. ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ.ގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތަކެވެ.
އޭޖީ އޮފީހުން ބުނީ، ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި މީހުންނަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ގާނޫނުގައި ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ބިލުގައި ހިމަނާފައިވާނެ ކަމަށެވެ.
ފަނޑިޔާރުންގެ ގަނޫނަށް ގެންނަ އިސްލާހުގައި ހިމަނަން ނިންމާފައި ވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ.
ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލުގައި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ހުށަހަޅާފައިވެއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން ނެތިދިއުމުގެ ބިރު ހީވެފައިވާ އަދި ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓް ކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރިކުރުމާއި އެތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ވަނީ ހުށަހަޅައިފައެވެ.
ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި އެންވަރަންމަންޓް މިނިސްޓްރީއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު