ގަތަރުގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ ފީފާ ވޯލްޑް ކަޕް 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރު، ޝައިހް ނާސިރު ބިން ހަމަދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

"2022 ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް އަޅުގަނޑުމެންގެ ގައުމު ދަތުރުކުރިއިރު ހުރިހާ ލޯތަކެއް އަމާޒުވާނީ ގަތަރަށް. މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އަޅުގަނޑުމެންގެ ލީޑާޝިޕް އިތުރަށް ވަރުގަދަ ކުރުމަށް އުރީދޫއަށް ލިބޭ ފުރުސަތެއް. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައާއެކު މި ސަރަހައްދުގެ މުޖުތަމައުތަކާ އޮންނަ ގުޅުންބަދަހިވެގެންދާނެ ފުރުސަތެއްކަން ފާހަގަކުރުން،" އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ، ފީފާ ވޯލްޑްކަޕް ބޭއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ނެޓްވޯކް ސްޕީޑު އުރީދޫގެ ޓެކްނޮލޮޖީން ފޯރުކޮށްދޭނެ ކަމަށެވެ.

ފީފާގެ ޑިރެކްޓާ އޮފް ކޮމާޝަލް ރެވެނިއު، ނިކް ބްރައުން ވިދާޅުވީ، ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މިފަހަރު އުރީދޫ އެނބުރި އައުމުން އުފާކުރާ ކަމަށެވެ.

"އުރީދޫ އާއެކު، އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގަތަރުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށްވެސް ފޯރިގަދަ އިވެންޓެއް ބޭއްވުމުގެ އުންމީދުގައި." ނިކް ބްރައުން ވިދާޅުވިއެވެ.

ފީފާ ވޯލްޑް ކަޕް 2022 ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.

މިއީ އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ.