އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެ މަޖިލީހުގެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން އެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.

އެގޮތުން އދ.ގެ އާއްމު މަޖިލީހުގައި އިއްޔެ މިކަމާ ބެހޭގޮތުން ކުރިއަށްދިޔަ ބަހުސްގައި، މިނިސްޓަރު ޝާހިދު ވިދާޅުވީ އދ.ގެ އާއްމު މަޖިލީހަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ޕްލެޓްފޯމް ކަމަށާއި، މުހިންމު އެކި ދާއިރާތަކުން އެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިންމު ނިންމުންތަކެއް ކަމަށެވެ.

އެހެންކަމުން، އާއްމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނަށް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިންމު މައްސަލަތަކާ މެދު ބަހުސްކުރެވި، އެ މައްސަލަތަކަށް އަވަސް ހައްލެއް ގެނެވޭނެ އިންތިޒާމަކުން ކަން ކަށަވަރުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކަނޑައަޅާފައިވާ އާއްމު މަޖިލީހުގެ އެޑްހޮކް ވާކިން ގްރޫޕުން ދެ ކަމަކަށް އިސްކަން ދެއްވުމަށް އެމަނިކުފާނު އިރުޝާދުދެއްވިއެވެ.

އެގޮތުން އދ.ގެ ޗާޓަރު އެކުލަވާލިއިރު އާއްމު މަޖިލީހާއި ސަލާމާތީ މަޖިލީހުގެ ބާރުތަކަށް އެއްވަރަކަށް މުހިންމުކަން ދިން ނަމަވެސް، މިހާރު އާއްމު މަޖިލިސް ކުރިއަށްދާގޮތުން މުހިންމު ކަންކަމާ މެދު މަޝްވަރާނުކުރެވި، ދިގު ބަހުސްތަކެއް ކުރިއަށް ގޮސް، ފިޔަވަޅުތައް އެޅުން ވަރަށް ބޮޑުތަނުން ދިގުދެމިގެންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާއްމު މަޖިލީހަށް ލިބިފައިވާ މަޝްވަރާކޮށްގެން ހައްލު ނެރުމުގެ ބާރުގެ ބޭނުން ހިފޭނެ ގޮތަކަށް މަސައްކަތްތައް އަތުރާލުމަށް މެމްބަރު ގައުމުތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

"އާއްމު މަޖިލީހުގައި ކުރެވޭ ބައެއް މަސައްކަތްތައް ތަކުރާރުކޮށް ދެވަނަ ފަހަރަށް ނުވަތަ ތިން ވަރަށް ފަހަރަށްވެސް ކުރެވޭ ތަން އެބަ އާދޭ. ބައެއް ގަރާރުތައް ކޮންމެ އަހަރަކު ހުށަހެޅޭއިރު އެއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިފައި ނުހުރޭ. އެހެންވީމަ އާއްމު މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް އެދެން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަތަކަށް ގިނަ ގައުމުތަކުން ތާއީދުކުރި އިރު، އެމެރިކާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ވަނީ މިނިސްޓަރުގެ އުންމީދީ ރިޔާސަތުގެ ވާހަކަ ފާހަގަކޮށް، އެ މަސައްކަތް ބަލައިގަންނަކަން އިއްޔެގެ ބަހުސްގައި ފާހަގަކޮށްފައެވެ.