ޚަބަރު

ޕްލޭނިން މިނިސްޓްރީން 8.6 މިލިއަން ހޯދަން، މީހަކު ހުށަހެޅި ދައުވާ ކުރިއަށްނުގެންދެވޭނެ ކަމަށް ކަނޑައެޅޭކަށް ނެތް: ކޯޓު

އިބްރާހިމް ޒަކީ

1

އުޅަނދެއްގެ މައްސަލައިގައި ޕްލޭނިން މިނިސްޓްރީން 8.6 މިލިއަން ރުފިޔާ ހޯދަން، އަމިއްލަ މީހެއް ކަމަށްވާ ރ. ކަނދޮޅުދޫ މޯނިން ވިލާ އިސްމާއީލް އީސަ ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މި ދައުވާއަކީ 10 ނޮވެމްބަރު 2017 ވަނަ ދުވަހު އިސްމާއީލް އީސާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ދެކުރި" ދޯނި މާލޭ މަސް މާރުކޭޓް ސަރަހައްދުގައި އޮއްވައި އޭގައި ހުރި މުދަލާއެކު އެ ދޯނި، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ތިލަފުއްޓަށް ގެންގޮސް އެ ދޯނީގެ ވެރި ފަރާތުން ދޯންޏާ ހަވާލު ވާން މަސައްކަތް ކުރުމުން ދޯނި ހަވާލުނުކޮށް އަދި އެއްވެސް އަޅައިލުމެއް ނެތި ތިލަފުށީ ފަޅުތެރެއަށް ދޯނި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ދޯނި ހަލާކުވެ މުދަލާއެކީ ދޯނި އަޑިއަށް ގޮސްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕްލޭނިން މިނިސްޓްރީން 8.6 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް އިސްމާއީލް އީސާ ކޮށްފައިވާ ދައުވާއެކެވެ.

ނަމަވެސް އެކަމަކީ މިނިސްޓްރީގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިން ކޮށްފައިވާ ކަމަކަށްވާ އިރު، 2018 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީތަކުގެ މަސައްކަތްތައް ސިޓީ ކައުންސިލްތަކުގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި، ޕްލޭނިން މިނިސްޓްރީގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިގެ މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއަށް ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ ސިޓީ ކައުންސިލް ކަމަށްވާތީ، އެ ދައުވާއަކީ މިހާރު ހުށަހަޅާފައިވާ ގޮތަށް މިނިސްޓްރީގެ މައްޗަށް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައެވެ.

އެ އިޖުރާއީ ނުކުތާއަށް ބިނާކޮށް ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ، އެއީ ޕްލޭނިން މިނިސްޓްރީއަށް ރައްދުވާގޮތަށް ހުށަހަޅައިގެން ކުރިއަށްގެންދެވޭނެ ދައުވާއެެއް ނޫން ކަމަށް އިޖުރާއީގޮތުން ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.