ޚަބަރު

ސްކޫލު ނިންމާ ކުދިން ކުށުގެ ވެއްޓަށް ދާ މިންވަރު އިތުރު، ގިނައީ އާއިލާ ރޫޅިފައިވާ ކުދިން: ޑީޖޭޖޭ

މުހައްމަދު އިޝާން

ސްކޫލު ނިންމާފައިވާ ކުދިން ކުށުގެ ވެއްޓަށް ދާ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ބުނެފިއެވެ.

ޑީޖޭޖޭ އިން އާންމުކުރި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބު ދައްކާގޮތުން، އެ ޑިޕާޓްމެންޓަށް ވަނީ 88 މައްސަލަ ހުށަހަޅައިފައެވެ. އޭގެ ތެރެއިން 37 ޕަސަންޓު ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށެވެ. 20 ޕަސަންޓު ކުދިން ނިސްބަތްވަނީ ގުޅިފައިވާ އާއިލާތަކަށް ކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި 14 ޕަސަންޓު ކުދިންނަކީ ޝަރުއީގޮތުން ބައްޕަ ނެތް ކުދިން ކަން ވެސް ތަފާސްހިސާބުން ދައްކައެވެ.

ޑީޖޭޖޭ އިން ބުނީ، ސްކޫލު ނިންމާފައިވާ ކުދިން ކުށުގެ ވެއްޓަށް ދާ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށާއި ކުދިންގެ އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކުރާ ކުށްތަކުގެ މައްސަލަތައް ކަމަށެވެ.

ޑީޖޭޖޭ އިން ބުނީ، ކުދިން އެންމެ ގިނައިން ކުރަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަށް ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުން އަދި އަތުގައި ބެހެއްޓުމުގެ މައްސަލަތަކާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީގެ މައްސަލަތައް ގިނަކަމަށް އެ ޑިޕާޓްމަންޓުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުށުގެ ވެށީގައި ގިނައިން އުޅެނީ އާއިލާ ރޫޅިފައިވާ ކުދިން ކަމަށް ވެސް ޑީޖޭޖޭ އިން ބުންޏެވެ. އާއިލީ ހާލަތުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުން ނުދެވި، ކުދިންގެ އުޅުން އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑީޖޭޖޭ އިން ވަނީ ބުނެފައެވެ. އަދި އާއިލާއާ ވަކިވެފައިވާ ކުދިންގެ ނާޖާއިޒު ފައިދާ ކުށުގެ ވެށީގައި އުޅޭ ބޮޑެތި މީހުން ނަގަމުންދާކަން ވެސް ޑީޖޭއޭ އިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ އަދަދުތަކަށް ބަލާއިރު ކުދިން ކުށް ތަކުރާރުކުރާ އަދަދު ބޮޑުތަނުން މަދުވެފައިވާ ކަމަށް ދައްކައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުންނަމަ ކުށް ތަކުރާރުކުރާ އަދަދު ވަނީ 127 އިން 48 އަށް މަދުވެފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅުނު 88 މައްސަލައަކީ، މިދިޔަ އަހަރާ އަޅާކިޔާއިރު ވެސް ބޮޑުތަނުން މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ 177 މައްސަލައެއް ޑީޖޭޖޭއަށް ހުށަހަޅައިފައެވެ.

އަތޮޅުތެރެއިން 18 އަހަރުން ދަށުގެ ކުދިން އެންމެ ގިނައިން ކުށްކުރަނީ ފުވައްމަލަކު ސިޓީންނެވެ. ދެން އެންމެ ގިނައިން ކުށަށް އަރައިގަންނަ ކުދިން އުޅެނީ ށ. އަތޮޅާއި ފ. އަތޮޅުގައެވެ.