ފުވައްމުލައް ސިޓީ

ފުވައްމުލަކުގައި ތަރައްގީ ކުރާ މަގުތަކާ މެދު އަޅުގަނޑުގެ ހިޔާލު

މުނީރު ހަސަން، ޏ. ފުވައްމުލައް

ފުވައްމުލަކަކީ ވަށައިގެން ކައިރިފަށް އުސްކޮށް މެދަށް އަޑިކޮށް އޮންނަ ރާއްޖޭގެ މާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެހެންވުމުން މި ރަށަށް ވިއްސާރަ ވެއްޖެ ނަމަ ވެހޭހައި ފެނެއް ޖަމާވެފައި އޮންނަނީ ރަށުގެ މެދު ތެރޭގައެވެ. މި ރަށަކީ ރަށުގެ ނިސްބަތުން މަގުތައް މަދު ރަށެކެވެ. އެހެންކަމާއެކު ވެހިކަލްތައް ގިނަވެ އެ މަދު މަގުތަކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. ރަށުގައި ހިނގާފައި އުޅޭ މީހުނަށްވުރެ ގިނައީ ސައިކަލުގައި އުޅޭ މީހުންނެވެ. ކާރުގައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

ފުވައްމުލަކުގައި 2019 އޯގަސްޓް މަހާ ހަމަޔަށް 13320 (ތޭރަ ހާސް ތިން ސަތޭކަ ވިހި) މީހުންގެ އާބާދީއެއް އޮތް އިރު ބިދޭސީންގެ އާބާދީގެ ގޮތުގައި ގާތްގަނޑަކަށް 890 މީހުން އުޅެއެވެ. ފުވައްމުލަކުގައި މީހުން ދިރިއުޅޭ ގޭގޭގެ އަދަދު ކަމާ ގުޅޭ އިދާރާއިން ބަލަހައްޓާފައި ނެތުމުން އެނގޭނެ ގޮތެއް ނުވިއެވެ. މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ 200 ދުއިސައްތަ ފުލެޓް އެބަ ހުއްޓެވެ. އެއީ ދަޑިމަގު އަވަށުގައި 120 ފުލެޓާއި ދިގުވާނޑު އަވަށުގައި 80 ފުލެޓެވެ. 2021 ސެޕްޓެންބަރާ ހަމަޔަށް ފުވައްމުލަކުގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ 3861 ސައިކަލް އެބަ ހުއްޓެވެ. 263 ކާރާއި 103 ޕިކަޕް ދުއްވައެވެ. އަދި 31 ވޭނާއި 15 ޖިޕް ދުއްވާއިރު 21 ލޮރީ ވެސް ދަނީ ދުއްވަމުންނެވެ. 28 ބެޓެރީ ޓުރައިސިއިކަލް ހުރި އިރު، 40 ބެޓެރީ ސްކޫޓަރު އެބަ ހުއްޓެވެ. މީގެ އިތުރުން، އެކްސްކަވޭޓަރާއި، ލޯޑަރާއި، ޓުރެކްޓަރު ވެސް ދުއްވަމުން ދާއިރު ރަށުގައި އުޅޭ ގިނަ ބިދޭސީން ކޮންމެ މީހަކު ބައިސްކަލެއް ދުއްވައެވެ. އެހެންކަމުން މަގުތައް ހަލާކުވެ ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫ ކުރިމަތިވެއެވެ. މީގެ އިތުރުން، މަގުމަތީގައި ހުންނަ ވަޅުވަޅުގަނޑުގެ ސަބަބުން ލިބޭ ސިއްހީ ގެއްލުން ވެސް ވަކި ކުޑައެއް ނުވާނެއެވެ.

މި ކަންތައްތައް ހައްލު ކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ މަޝްވަރާގެ މަތީން ކަނޑައެޅުނު 33 މަގެއްގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް އެމްޓީސީސީ އާ ހަވާލު ކުރައްވާފައެވެ. 20 ޖުލައި 2020 އިން ފެށިގެން 26 އޮގަސްޓް 2021 އާ ދެމެދު މަތީގައި ބަޔާންކުރި މަގުތަކުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި މަގުތަކަކީ ކޮންމެ މަގަކުން ވެސް ދެކޮޅަށް ދުއްވާނެ މަގެއް ކަމަށް ގަބޫލު ކުރެވެއެވެ. އެހެންކަމުން މަގުގެ ދެ ފަރާތުގައި ޕޭވްމަންޓް ހެދުމުގެ ބަދަލުގައި އެއް ފަރާތުގައި ޕޭވްމަންޓު ހެދުމާއެކު އަނެއް ފަރާތު ޕޭވްމަންޓު ތިރިކޮށް މަގާ އެއްވަރު ކުރުމަށްފަހު ވެހިކަލްތައް ޕާކު ކުރެވޭނެ ގޮތެއް ހެދުމީ އޭގެ ސަބަބުން މަގު ތަނަވަސްވާނެ ކަމެއް ކަމުގައި ދެކެމެވެ. ހާއްސަކޮށް އެސްޓީއޯ ކުރިމަތިން އޮންނަ ވަލި ފަންނޮ މަގަކީ އެ މަގާ އިންވެ ބޭންކު ވެސް ހުންނަ މަގެވެ. މަގުގެ ދެ ފަރާތުގައި ޕޭވްމަންޓު ހެދުމުން މިހާރު ވެސް މަގުތައް ތޮއްޖެހޭ ދުވަސްތައް ވަރަށް ގިނައިން އެބަ އާދެއެވެ.

މަދަރުސާތަކާއި ހަސްފަތާލުތަކަކީ އާންމުން ހިދުމަތް ހޯދަން ގިނަ އަދަދަކަށް ދާ ތަންތަނެވެ. މަދަރުސާތަކުގެ ހޯލްތަކަކީ އާންމު ޖަލްސާތަކާއި ހާއްސަ ޖަލްސާތައް ބާއްވާ ތަންތަނަށް ވުމުން އެ ތަންތަނުގެ ވަށައިގެން ހުރި މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދާއިރު ވެހިކަލްތައް ފަސޭހައިން ޕާކު ކުރެވޭނެ ގޮތެއް ވުމީ މުހިންމު ކަމެކެވެ. ސަރުކާރުގެ މިފަދަ މަޝްރޫއެއް ހިނގަމުން އަންނައިރު އެ ކަންތައްތައް ބަލާނެ ފަރާތެއް ސިޓީ ކައުންސިލުން ކަނޑައަޅާފައި ނެތުމަކީ ވެސް އެންމެ ރަނގަޅުގޮތެއް ނޫންކަން މާޒީން ވަނީ އެނގިގެން ގޮސްފައެވެ. އަދި ހަމަ އެއާއެކު މަގުތަކުގެ މަސައްކަތް ނިމެމުން އަންނައިރު މުހިންމު ތިން މަގެއް ހިމެނިފައި ނުވުމަކީ ވެސް ވަރަށް ދެރަ ކަމެކެވެ. އެ ތިން މަގަކީ ދިގުވާނޑުން ހޯދަޑަށް ދެވޭ ގޮތަށް އޮންނަ އީސާ ނައިބު މަގާއި ފުނާޑުން މާލެގަމަށް ދެވޭ ގޮތަށް އޮންނަ ކަރާން އަލިކަލޭގެ މަގާއި ދަޑިމަގު އަވަށު ފުލެޓްތަކަށް ދެވޭ ގޮތަށް އޮންނަ ހަމައެކަނި އީދިގަލް މަގެވެ. މި މަގާ އިންވެގެން ދެވޭ ގޮތަށް 120 ފުލެޓު އެބަ ހުއްޓެވެ. ކަރާން އަލިކަލޭގެ މަގާއި އީސާނާއިބު މަގަކީ ރަށުގެ ހުޅަނގު ބިތުން އުތުރު ބިތަށް ސީދާ ދެވޭ ތިން މަގުގެ ތެރެއިން ދެ މަގެވެ. އަނެއް މަގަކީ ޣާޒީ މަގެވެ. އަދި ހަމަ އެއާއެކު މިހާރު ހަދަމުން އަންނަ މަގުތަކާ ގުޅިގެން ހުސްބިން އޮންނަ މަގުތައް އެ ދިމަދިމާލުން ފުޅާ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ރާއްޖެއިން ވެސް ރާއްޖެއިން ބޭރުން ވެސް މިހެން ހުންނަ މަގުތައް ފެނެއެވެ.

ނިންމާލަމުން ރައީސުލްޖޫމްހޫރިއްޔާ އިބުރާހިމް މުހަންމަދު ސާލިހުގެ ސަރުކާރުން ފުވައްމުލަކުގެ ވެލި މަގުތައް ތަރައްގީ ކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ. މިހާރު ކުރިޔަށް މި ދާ މަޝްރޫއު ނިމޭއިރު ކުރިން ދެންނެވި ތިން މަގު ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރަމެވެ.

********

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.