ފ. ނިލަންދޫގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އަހުމަދު އިރުފާނުގެ ދެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އިރުފާންގެ އެއްބަނޑު އެއްބަފާ ދައްތަ ފިރާޝާ މިއަދު "ވަން" އަށް ބުނީ އޭނާގެ ކޮއްކޮ އިރުފާނަކީ އާންމުކޮށްވެސް ރުކަށް އަރައި އުޅޭ ޒުވާނެއް ކަމަށާއި އާދައިގެ މަތީން އިއްޔެވެސް ރުކަށް އެރީ ހަމަ އެފަދައިން ކަމަށެވެ.
އެހެން ނަމަވެސް 50 ވަރަކަށް ފޫޓުގެ ރުކުގެ އެންމެ މަތީން ކުއްލިއަކަށް ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން ކޮއްކޮ މިހާރު އަންނަނީ ދެ އޮޕަރޭޝަނަކަށް ތައްޔާރުވަމުން ކަމަށެވެ. މިއަދު އޮޕަރޭޝަން ކުރަން ހަމަޖެހިފައިވީ ނަމަވެސް އޮޕަރޭޝަން ކުރާ ވަކި ވަގުތެއް އަދި ބުނަން ނޭނގޭ ކަމަށް ވެސް ފިރާޝާ ބުންޏެވެ.
ފިރާޝާ ބުނިގޮތުގައި އިރުފާނުގެ ކަނާތު ފައި ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކަކުލު ހުޅުވެސް ވަނީ އަނެއް ފަރާތަށް އެނބުރިފައި ކަމަށާއި، މައިބަދައިގައި ވެސް ރެނދުލާފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. މިހާރުވެސް އައިޖީއެމްއެޗްގެ ވޯޑުގައި ފައިގެ އޮޕަރޭޝަނަށް ތައްޔާރުވަމުން އަންނަ ކަމަށާއި ލޭ ހޯދަން ޑޮކްޓަރުން އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
އިރުފާނަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލުދެމުން ފިރާޝާ ބުނީ، އިރުފާނުގެ މޭ ކަށިގަނޑުންވެސް ދެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
"މިހާރު އޮޕަރޭޝަން ކުރަން ތައްޔާރުވަނީ. ޑޮކްޓަރު ބުނީ ފައިގެ އޮޕަރޭޝަން ކޮށްފައި ކަމަށް އަދި މައިބަދައިގެ އޮޕަރޭޝަން ކުރެވޭނީ،" ފިރާޝާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އަނގަޔާއި ނޭފަތުންވެސް ލޭ މަނާވީ މިއަދު ހެނދުނު ކަމަށާއި ރަށުގެ ހޮސްޕިޓަލުން ގެނައި އިރުވެސް ވަރަށް ގިނައިން ލޭ ފައިބާ ކަމަށެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އެ ރަށު އަހިމާގެ، އުމުރުން 22 އަހަރުގެ އަހުމަދު އިރުފާން ނަމަކަށް ކިޔާ އެ ޒުވާނާ ރުކުން ވެއްޓުނީ އިއްޔެ ހެނދުނު 9:30 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އިރުފާނަކީ އާންމުކޮށް ރުއްރުކަށް އަރައި އުޅޭ ޒުވާނެއް ކަމަށާއި އިއްޔެ އޭނާ ވެއްޓުނީ އެ ރަށު މީހުން ދިރިއުޅޭ ސަރަހައްދުގެ ގޯއްޗެއްގެ ތެރޭގައި ހުރި ރުކަކަށް އަރައި އުޅެނިކޮށް ކަމަށެވެ.
އަލީ އިތުރަށް ވިދާޅުވީ، އިރުފާން ރުކުން ވެެއްޓިފައި އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑު ހިސާބުގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށާއި ކަކޫ ހުޅުވެސް އޮތީ އަނެއް ފަރާތަށް އެނބުރިފައި ކަމަށެވެ. އޭގެ އިތުރުން އަނގަޔާއި ނޭފަތް ފަޅައިގެންގޮސް ވަރަށް ގިނައިން ލޭފައިބާފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ރުކުން ވެއްޓުމާއެކު ވަގުތުން އެރަށު ހޮސްޕިޓަލަށް އިރުފާނު ގެންދިޔަ ކަމަށާއި، ވަގުތީ ޕްލާސްޓަރެއް އެޅުމަށްފަހު އެތަނުން އެކަށީގެންވާ ފަރުވާ އޭނާއަށް ދެވެން ނެތުމުން އެމަޖެންސީގައި އިއްޔެ 3:30 ހާއިރު އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު