Close
މުނިފޫހިފިލުވުން

ޕަދްމާޝްރީ އެވޯޑް 2020: ކަރަން ޖޯހަރް، ކަންގަނާ، އެކްތާ ކަޕޫރް އަދި އަދްނާން ސާމީއަށް މުހިންމު އެވޯޑުތަކެއް

އިންޑިއާ ސަރުކާރުން ހަތަރުވަނައަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ، "ޕަދްމާޝްރީ އެވޯޑް" މިދިޔަ އަހަރު ހާސިލުކުރި ފަރާތްތަކަށް އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދިއްލީގެ ރަޝްތުރަޕަތީ ބަވަންގައި ކުރިއަށްދިޔަ މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ އިންޑިއާގެ ރައީސް ކަމަލް ނާތު ކޯވިންދުގެ އަތްޕުޅުންނެވެ. އިންޑިއާގެ އެންޓަޓެއިންމަންޓު އިންޑަސްޓްރީން އާޓުގެ ދާއިރާއިން ޕަދްމާޝްރީ އެވޯޑު ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު، އެކްތާ ކަޕޫރު، ބަތަލާ ކަންގަނާ ރަނޯތު، ލަވަކިޔުންތެރިޔާ އަދްނާން ސާމީ، ސުރޭޝް ވަދުކާރު އަދި ބަތަލާ ސަރީތާ ޖޯޝީ ހިމެނެއެވެ.

އެވޯޑުގެ ހައްގުވެރިންނަށް އިއްޔެ އެވޯޑު ހަވާލުކޮށްދެއްވާފައިވާއިރު 2020 ވަނަ އަހަރުގެ ޕަދްމާޝްރީ އެވޯޑު ހައްގުވާ ފަރާތްތަކުގެ ނަންތައް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އިންޑިއާގެ ހޯމް މިނިސްޓްރީން އިއުލާނުކޮށްފައެވެ.

މި ހަފުލާގައި ރައީސްގެ އަތްޕުޅުން 73 ފަރާތަކަށް ވަނީ އެވޯޑު ހަވާލުކޮށްދެއްވައިފައެވެ. އޭގެތެރޭގައި 4 ފަރާތަކަށް ޕަދްމާ ވިބްޝަން، 8 ފަރާތަކަށް ޕަދްމާ ބުޝަން އަދި 61 ފަރާތަކަށް ޕަދްމާ ޝްރީ އެވޯޑު ރައްދުކޮށްދެއްވައިފައިވާ ކަމަށް އިންޑިއާގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދަރްމާ ޕްރޮޑަކްޝަން މިހާރު ހިންގަމުން އަންނަ ކަރަން ޖޯހަރު ފުރަތަމަ ޑައިރެކްޓުކުރި ފިލްމަކީ 1998 ވަނަ އަހަރު ނެރުނު ''ކުޗް ކުޗް ހޯތާ ހޭ'' އެވެ. އޭގެ ފަހުން ކާމިޔާބު އެތައް ފިލްމުތަކެއް ކަރަން ޖޯހަރު ވަނީ ނެރެފައެވެ. ރައީސްގެ އަތްޕުޅުން ލިބުނު ޝަރަފުވެރި މި އެވޯޑަށް ކަރަން ވަނީ ޝުކުރު އަދާކޮށް އިންސްޓަގްރާމު ޕޯސްޓެއް ކޮށްފައެވެ.

ޕަދްމާޝްރީ އެވޯޑު ހާސިލުކުރި އެކްތާ ކަޕޫރު އަކީ ކާމިޔާބު ޕްރޮޑިއުސަރެކެވެ. 1994ވަނަ އަހަރު ތައާރަފުކުރި އަމިއްލަ ޕްރޮޑަކްޝަން ހައުސް ބާލާޖީ ޓެލެފިލްމްސް އިން ކާމިޔާބު އެތައް ޓީވީ ސީރީސް އަކާއި ފިލްމުތައް ނެރެފައިވާއިރު، ފާހަގަކޮށްލެވޭ ސީރީސްތަކުގެ ތެރޭގައި ''ކިޔުނކީ ސާސްބީ ކަބީ ބަހޫ ތީ'' ''ކަހާނީ ގަރް ގަރް ކީ'' ހިމެނެއެވެ. އަދި ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ''ޑާޓީ ޕިކްޗާ'' ''އުޅްތާ ޕަންޖާބު'' ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ބަތަލާ ކަންގަނާއަށް މިއީ ޖެހިޖެހިގެން ލިބުނު ޝަރަފުވެރި ދެވަނަ އެވޯޑެވެ. މިދިޔަ މަހު އޭނާއަށް ވަނީ ނެޝަނަލް އެވޯޑުވެސް ލިބިފައެވެ. ޕަދްމާޝްރީ އެވޯޑު ހާސިލުކުރި ކަންގަނާ ބޮލީވުޑަށް ނުކުމެފައިވަނީ 2006ވަނަ އަހަރު ނެރުނު ''ގޭންގްސްޓާ'' އިންނެވެ.