Close
ޚަބަރު

އެޗްއާރުސީއެމަށް ކަނޑައަޅާފައިވާ 29.8 ރުފިޔާގެ ބަޖެޓަށް 6.3 މިލިއަން އިތުރުކޮށްދޭން ކޮމިޓީގައި އެދިއްޖެ

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސިއެމް) އަށް ދޭން ކަނޑައަޅައިފައިވާ 29.8 މިލިއަން ރުފިޔާގެ ބަޖެޓަށް 6.3 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި އެދިއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާއި އޮފީސްތަކަށް އަންނަ އަހަރު ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭގޮތުން ކޮމިޓީގައި މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އެޗްއާރުސީއެމުން ބުނީ، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ހިމަނައިގެން އަންނަ އަހަރަށް 36.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް އެ ކޮމިޝަނުން ހުށަހެޅި ކަމަށެވެ.

ނަމަވެސް މަޖިލީހުގައި މިހާރު ބަހުސް ކުރިއަށްދާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެ ކޮމިޝަނަށް ކަނޑައަޅާފައިވަނީ 29.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވެސް ބުންޏެވެ.

އެ ކޮމިޝަނުން ހުށަހެޅި ބަޖެޓުގެ ތެރެއިން މުވައްޒިފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިމަނާފައިވާ އަދަދުގެ ތެރެއިން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ އުނިކޮށްފައިވާ އޮފީސް ހިންގުމުގެ ހަރަދުގެ ތެރެއިން 2.9 މިލިއަން އަދި ޕްރޮގްރާމް ބަޖެޓުގެ ތެރެއިން 2.7 މިލިއަން ރުފިޔާ މަދުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމުތަކަށް އަސަރުކުރާނެ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.

އެގޮތުން މުހިންމު ކަންތައްތަކުގެ ގޮތުގައި ކޮވިޑުގެ ހާލަތުގައި ކުރިއަށްދިޔަ ދެ އަހަރެއްހާ ދުވަހަށް އަމާޒުކޮށް، ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ދިރާސާއަކާއި، ތަހައްމަލުކުރުމުގެ ސިފަ އާއި ސުލްހަ މަސަލަސްކަން މުޖުތަމައުގައި ގާއިމުކުރުމުގެ ޕްރޮގްރާމެއްގެ އިތުރުން އާންމުންނަށް މައުލޫމާތު ލިބޭނެ ރިސޯސް ސެންޓަރެއް ގާއިމުކުރުމަށާއި، ގެދޮރާ ބެހޭ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށްގެންދަން ރާވާފައިވާ އިރު، ބަޖެޓު ނުލިބިއްޖެ ނަމަ އެކަންކަން ކުރިއަށް ނުގެންދެވިދާނެ ކަަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.