ގަރާޖު ނުލިބިގެން މިހާރު ވެސް ގްރޭޓާ މާލޭ ސަރަހައްދަށް ރަޖިސްޓްރީ ނުކުރެވި ހުޅުމާލެ މަގުތަކުގައި ސުން ބޯޑުގެ 400 ވެހިކަލް އެބައޮތް ކަމަށް މާލޭ ސިޓިގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީއަށް މައުލޫމާތުދެއްވަމުންނެވެ.

ކޮމިޓީގައި މިހާރު އޮތް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރުކޮށް، ގަރާޖު ސިޓީ އުވާލުމަށް ގާނޫނަށް އިސްލާހު ގެނައުމާ ބެހޭގޮތުން ސުވާލުކުރުމުން ނަރީޝް ވިދާޅުވީ އެއީ މިދަނޑިވަޅުގައި ކުރަން ރަނގަޅުކަމެއް ނޫން ކަމަށެވެ.

ގަރާޖު ނުލިބިގެން ރަޖިސްޓްރީ ނުކުރެވި 400 ވެހިކަލް އޮއްވައި، އެކަމަށް ގޮތެއް ހޯދައިނުދީ އެހެން ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް އޯޕަން ލައިސަންސެއް ދޭން ހުޅުވާލުމަކީ ހުޅުމާލޭގައި ގިނަ ވެހިކަލްތަކެއް ޕާކު ކުރަމުންދާ މައްސަލަ އިތުރަށް ބޮޑުވެގެން ދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ގްރޭޓާ މާލޭގައި ދުއްވާ ވެހިކަލްތައް މިހާރުވެސް ހުޅުމާލޭގައި ޕާކު ކުރުން (ހުޅުމާލެއަށް ވެހިކަލް ނިދަންދާ) މައްސަލަ މިހާރުވެސް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނަށް އިސްލާހެއް ގެންނަ އިރު، މިހާރު ހުރި މައްސަލަތައް ހައްލު ކުރަންޖެހޭ ކަމަށް ނަރީޝް ވިދާޅުވިއެވެ.

އެކަމަށް ހައްލު ހޯދަން އެކި ފަރާތްތަކާއެކު މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި، ފެނުނު ފޯމިއުލާ އަކީ ޕާކިން ބިލްޑިންގުތައް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.